ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ސައްހަ ކަމަށް ދައުލަތުން ބުނެފި

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ސައްހަ ކަމަށް ދައުލަތުން ބުނެފި

Author
އައިޝަތު އަޙްމަދު
14 އޭޕްރިލް 2026 01:18
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.

މި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ، މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އެހެން ގައުމުތަކުގައިވެސް އެކަން ހުއްޓުވައި ކޯޓުތަކުން އެކަން ދަމަހައްޓާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް ބާތިލުކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާކަމަށް ދައުލަތުން ފާހަގަކުރިއެވެ.

އެހެންނަމަވެސް، އަލީ ހުސައިންގެ ވަކީލް އައިޝަތު ޝީނާ މުހައްމަދު ވިދާޅުވީ، މި އިސްލާހުގެ ސަބަބުން އަސާސީ ހައްގުތަކަށް އަސަރުކުރާ ކަމަށާއި، މިއީ ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފު ކަމެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން އިންސާފުން ބޭރުން މެމްބަރުން ވަކިކުރުމުގެ ފުރުސަތު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި އެމްޑީޕީންވެސް ވަކާލާތުކުރީ މި އިސްލާހަކީ ބާތިލް އެއްޗެއް ކަމަށެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މީގެ ކުރިން މި މައްސަލަ ބެއްލެވި ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމާއި އިސްތިއުފާ ދެއްވުމާ ގުޅިގެން މައްސަލަ އޮތީ މަޑުޖެހިފައެވެ. މިއަދުގެ އަޑުއެހުން މެދުކަނޑާލާފައިވާއިރު، މެންދުރުފަހު އަޑުއެހުންތައް ކުރިއަށް ގެންދާނެ ކަމަށް ކޯޓުން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.