އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުވެ، ނަޝީދުގެ ޝުކުރު ފައްޔާޒަށް

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުވެ، ނަޝީދުގެ ޝުކުރު ފައްޔާޒަށް

Author
އަހުމަދު
11 އޭޕްރިލް 2026 04:12
0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ނިމުމެއް ގެނެސް، އެކަމުގައި އިސްދައުރެއް އަދާކުރެއްވި ކަމަށްޓަކައި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުކުރެއްވި ޕޯސްޓެއްގައި ފައްޔާޒަށް ޝުކުރު އަދާކުރެއްވުމާއެކު، ނަޝީދު ވަނީ އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް މަރުހަބާ ވިދާޅުވެފައެވެ. އެމްޑީޕީގެ އެތެރޭގެ މަސްރަހު ދާދިފަހުން ހޫނުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނަޝީދާއި ފައްޔާޒަށް ނުދިނުމުންނެވެ. އެކަމާ ގުޅިގެން އެ ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ޖަލްސާ ބޮއިކޮޓްކުރިއިރު، ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ވެސް ބަޔަކު ފެށިއެވެ.

އެހެންނަމަވެސް، މި ހުރިހާ މައްސަލަތަކަކަށް މިހާރު ވަނީ ސުލްހަވެރި ހައްލެއް ހޯދިފައެވެ. ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޕާޓީގެ އިސް ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށެވެ. އަދި އާންމު މެންބަރުންގެ އެދުމާ އެއްގޮތަށް، އެއްވެސް ބޭފުޅަކު ބާކީނުކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މުޅި ލީޑަޝިޕް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް މިހާރު އެކުލަވާލެވިފައިވާ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި އެއްބަސްވުން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހަރަކާތްތައް ކުރިއަށްދާނީ ހުރިހާ ލީޑަރުން އެކަތިގަނޑަކަށް ވެގެންކަން ވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.