ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެ، 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމާ ގުޅިގެން ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ވަރުގަދަވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަގާފައިވާ މި ސުކޫކާއި އޭގެ ކޫޕަން ޕޭމަންޓާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ) ދައްކައި ހަލާސްކުރިކަން ސަރުކާރުން އިއުލާނުކުރީ އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ. މާލީ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި މި ބޮޑު ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި (އެސްޑީއެފް) ދައުލަތުގެ ރަސްމީ ރިޒާވް ބޭނުންކޮށްގެންނެވެ.
މިއީ ރާއްޖޭގެ ދަރަނި މެނޭޖުކުރުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދިން މުހިންމު ފިޔަވަޅެކެވެ. މިކަން ކާމިޔާބުވެފައިވަނީ 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ތަންފީޒުކުރަން ފެށި ހަރުދަނާ މާލީ ސިޔާސަތުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުތަކާއި، ޑޮލަރު މާރުކުރުން ލާޒިމުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. މި ބަދަލުތަކާއެކު މާރިޗު 2026 ގެ ނިޔަލަށް ރަސްމީ ރިޒާވް އިތުރުކުރެވި، ސުކޫކް ދެއްކުމަށް މަގުފަހިވެގެންދިޔައެވެ.
މާލީ ވުޒާރާގެ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓަށް ބަލާއިރު، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ވެސް ވަނީ 1.8 ބިލިއަން ރުފިޔާއިން 2.3 ބިލިއަން ރުފިޔާގެ ސާޕްލަސް އަކަށް ބަދަލުވެފައެވެ.
ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދަވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް 2.4 ބިލިއަން ރުފިޔާ ހޭދަކުރިއިރު، މި އަހަރު އެ އަދަދު ވަނީ 8.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 254.5 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، ލޯނުތަކުގެ އިންޓްރެސްޓަށް ދައްކަންޖެހުނު މިންވަރު ވަނީ 1.51 ބިލިއަން ރުފިޔާއިން 1.08 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ.
ދައުލަތުގެ އާމްދަނީ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޓެކްސްގެ މައްޗަށެވެ. ރިޕޯޓުތައް ދައްކާގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 20.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެއީ 5.6 ބިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީން 4.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އާމްދަނީއަށް އައި އެންމެ ބޮޑު އެއް ކުރިއެރުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ