ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ "ރިޕެއާ ސްކޭމް" އަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ "ރިޕެއާ ސްކޭމް" އަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

Author
ޙަސަން މުޙައްމަދު
06 އޭޕްރިލް 2026 11:27
0

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދަމުންދާ އައު ބާވަތެއްގެ ސްކޭމަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މައުލޫމާތު ދޭގޮތުގައި "ރިޕެއާ ސްކޭމް" ގެ ނަމުން ނަންދީފައިވާ މި އުކުޅުގައި މަކަރާއި ހީލަތް ހަދާ ފަރާތްތަކުން އަމާޒުކުރަނީ މާކެޓްޕްލޭސްގައި ވިއްކާލެވިފައިވާ (ސޯލްޑް) ކަމަށް ފާހަގަކޮށްފައި ހުންނަ މުދަލަށެވެ. އެގޮތުން، އެ މުދަލެއް ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެއީ އެމީހުން މަރާމާތުކުރި އެއްޗެއްކަމަށް ބުނެ، އިތުބާރު ހޯދުމަށްފަހު ރިޕެއާ ފީ ދެއްކުމަށް އެދެމުންދެއެވެ. އަދި މީހުންނަށް އިތުރަށް އޮޅުވާލުމަށްޓަކައި ބައެއް ފަހަރު ފޭކް އިންވޮއިސް ނުވަތަ ރަސީދުވެސް ތައްޔާރުކޮށްގެން ފޮނުވާކަން ފުލުހުންގެ ތަހުގީގުތަކަށް ވަނީ ފާހަގަކުރެވިފައެވެ.

މިއީ މުދާ ވިއްކާ ފަރާތްތަކަށް ކުއްލި ސިހުމެއް ގެނުވައި، އެއްވެސް ވިސްނުމަކާ ނުލައި އަވަސްއަވަހަށް ފައިސާ ޖަމާކުރުމަށް މަޖުބޫރުކުރުވާ ގޮތަށް ރާވައިގެން ހިންގާ ސްކޭމެކެވެ. ގިނަ ފަހަރަށް މީހުންނަށް މިއީ އޮޅުވާލުމެއްކަން އެނގެނީ ފައިސާ ޖަމާކުރެވޭ ފަހުންނެވެ.

އެހެންކަމުން، މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ފައިސާ ޖަމާކުރުމުގެ ކުރިން މައުލޫމާތު ކަށަވަރުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި، މަރާމާތުކުރި ކަމަށް ބުނާ ފަރާތަކީ ކޮބައިކަން ހޯދުމާއި، އެފަރާތާ މުދާ ހަވާލުކުރީ ކާކުތޯ ސުވާލުކޮށް ޔަގީންކުރުމުގެ އިތުރުން، ފައިސާ ފޮނުވަން ބުނާ ބޭންކް އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ ރިޕޯޓެއް ލިބިފައިވާ އެކައުންޓެއްތޯ ބެލުން މުހިންމުކަމަށް ފުލުހުން ވަނީ ލަފާދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.