ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މި ހަރަކާތަކީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ލާމަސީލު ނަމޫނާއެކެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ، ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލުމާއި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ރިވެތި އަހުލާގާއި އަމިއްލަ ނަފްސަށް އިތުބާރުކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މައިދާނެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އުތުރުން ދެކުނަށް އޮންނަ ޖޯގުރަފީގެ ދުރުމިން ނައްތާލައި، ދިވެހި ޒުވާނުން އެއްބައިވަންތަކުރުމުގައި ސްކައުޓް ހަރަކާތް މުހިންމު ދައުރެއް އަދާކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ސްކައުޓެއްގެ ކިބައިން ފެންނަ ހިތްވަރާއި، އެހީތެރިވުމުގެ ރޫހަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރީތި ސިފަތަކެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އިންސާނިއްޔަތަށް ހިދުމަތްކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން ހަނދާންކޮށްދެއްވަމުން، ގައުމަށް ދިމާވާ ކޮންމެ ބޮޑު ކާރިސާއެއްގައި ސްކައުޓުން ދައްކާފައިވާ ހިތްވަރަށް ރައީސް ތައުރީފުކުރެއްވިއެވެ. ހާއްސަކޮށް 2004 ވަނަ އަހަރުގެ ސުނާމީގެ ބިރުވެރި ކާރިސާގައި ސްކައުޓުން އެއްވެސް ޖެހިލުމެއްނެތި ގައުމީ ހިދުމަތަށް ނުކުމެ ދިން އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަދަރުސީ ދައުރުގައި އަމިއްލަފުޅަށްވެސް ސްކައުޓް ހަރަކާތުގައި އުޅުއްވިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ ހަރަކާތުން ދަސްވި ހުނަރުތަކާއި ތަޖުރިބާއަކީ ހަޔާތުގެ ކޮންމެ ފިޔަވަޅެއްގައިވެސް އެމަނިކުފާނަށް މަގުދައްކައިދިން މުހިންމު ކަންތައްތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ