މާލެ ސަރަހައްދުގެ ޓްރެފިކާއި ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މި ސަރަހައްދު "ވެހިކަލް ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް" ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މި މަސައްކަތް ހިންގުމަށްޓަކައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި ޚާއްސަ އޮފީހެއް، މިމަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އުފައްދަވާފައެވެ. މި އޮފީސް ހިންގާނީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ދަށުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދަތުރުފަތުރުގެ ދާއިރާ އެ ވުޒާރާގެ ދަށަށް ބަދަލުކުރިތާ 90 ދުވަހުގެ ތެރޭގައި، އައު އޮފީސް ޤާއިމުކުރުމުގެ މާސްޓަރ ޕްލޭން ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ އަދަދާއި ޕާކިންގެ ދަތިކަން، ވީހާވެސް އަވަހަކަށް ހައްލުކުރެއްވުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި މަރުޙަލާގައި އެންމެ ބޮޑަށް ސަމާލުކަން ދެއްވަނީ އައު އޮފީހަށް ޤާނޫނީ ބާރުވެރިކަން ހޯދުމުގެ މަސައްކަތްތަކަށް ކަމަށާއި، މާލެ ސަރަހައްދު ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް ކަނޑައެޅުމަށްފަހު، 11 ދާއިރާއެއްގައި މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
"މީގައި ގަވަރނިން ބޯޑެއް އެބައާދޭ. ގަވަރނިން ބޯޑާ އެކީގައި މިކަމާ ގުޅޭ އޮފީސްތަކެއް މި އަންނަނީ. ހޯލް އޮފް ގަވަރމަންޓް އެޕްރޯޗެއް މި އަންނަނީ. މުޅި ސަރުކާރު ގުޅިގެން އަންނަ ހައްލެއް މި އަންނަނީ. އެންމެ މިނިސްޓްރީއަކަށް ކުރެވޭނެ ކަމެއް ނޫން މިހާރު މި މައްސަލަ އުފެދިފައި އޮތްގޮތުން،" ސަޢީދު ވިދާޅުވިއެވެ.
މި މަޝްރޫޢުގައި، އިޤްތިޞާދީ ވުޒާރާއާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސް، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ވުޒާރާ، ތިމާވެއްޓާ ބެހޭ ވުޒާރާ، އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މާލެ ސިޓީ ކައުންސިލް ޝާމިލުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމުގެ އިތުރުން، ޑިޖިޓަލައިޒޭޝަނާއި، އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކާއި، ޓްރެފިކް ފްލޯ ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ. އެގޮތުން، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ލައިސަންސް ބޯޑުތައް ފަސޭހަކަމާއެކު ރީޑްކުރެވޭނެ ނިޒާމެއް ޤާއިމުކުރެވި، ޓްރެފިކް ފްލޯއަށް ބޭނުންވާ މުހިންމު އިސްލާޙުތައް ގެނެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ޓްރެފިކް ފުލުހުންނާ ގުޅިގެން ޓްރެފިކް މެނޭޖްމަންޓް އޮފީހެއް ޤާއިމުކޮށް، ތަފާތު އެކިއެކި މޮޑެލްތަކުގައި ޕާކުކުރެވޭނެ ޖާގަތައް ތަރައްޤީ ކުރެވިގެންދާނެ ކަމަށާއި، މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ