ޓެކްނޮލޮޖީ ބޭނުންކުރަން ނޭނގޭނަމަ ވަސީލަތްތައް ގާއިމުކުރުމުގެ ބޭނުމެއް ނެތް: އިޙްސާން

ޓެކްނޮލޮޖީ ބޭނުންކުރަން ނޭނގޭނަމަ ވަސީލަތްތައް ގާއިމުކުރުމުގެ ބޭނުމެއް ނެތް: އިޙްސާން

Author
އަހުމަދު
22 ޖުލައި 2026 05:14
0

ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތައް ރާއްޖޭގެ ކޮންމެ ރަށަކަށް ފޯރުކޮށްދެވިދާނެ ކަމަށާއި، އެހެންނަމަވެސް އެ ވަސީލަތްތައް އުފެއްދުންތެރި ގޮތުގައި ބޭނުންކުރާނެ ހުނަރު ރައްޔިތުންގެ ކިބައިގައި ނެތްނަމަ، އެއީ އާޚިރުގައި ނާކާމިޔާބީއެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "މޯލްޑިވްސް 2.0″ މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފެށި "ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ކެމްޕޭނަކީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ޑިޖިޓަލް ނިޒާމުތަކާއި އުމްރާނީ އިންވެސްޓްމަންޓްތައް މެދުވެރިކޮށް އިގްތިސާދީ އަދި އިޖްތިމާޢީ ނަފާ ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ޑިޖިޓަލް ދާއިރާއިން ލޯހުޅުވިފައިވާ، ހުނަރުވެރި، ޒިންމާދާރު އަދި އުފެއްދުންތެރި ރައްޔިތެއް ބިނާކުރުމުގެ މަސައްކަތް މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ގައުމުގެ ކުރިއެރުމަށް އައު ޓެކްނޮލޮޖީތައް ރައްކާތެރިކަމާއެކު ބޭނުންކުރަން ދަތުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 70ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުން ފެށްޓެވި އަސާސީ ތަޢުލީމުގެ ގައުމީ ޕްރޮގްރާމް ފަދައިން، މުސްތަގްބަލަށް ފައްކާވެފައިވާ އަބާދީއެއް ބިނާކުރުމުގެ މަސައްކަތެއްގެ ގޮތުގައި ވަޒީރު މި ކެމްޕޭން ސިފަކުރެއްވިއެވެ.

"ކޮންމެ ރަށަކަށް ކޭބަލް އަޅައި، 5ޖީ ކަނެކްޓިވިޓީ ފޯރުކޮށްދީ، ޑިޖިޓަލް ޕޭމަންޓް ހެދުމުގެ ނިޒާމުތައް ގާއިމުކޮށްދީ، ޑިޖިޓަލް ޕްލެޓްފޯމްތައް ޚިދުމަތް ދިނުމަށް ގާއިމުކުރެވިދާނެ. ނަމަވެސް، އެ ތަކެތި އަދި ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ ހުނަރު ރައްޔިތުންގެ ކިބައިގައި ނެތްނަމަ، ވާނީ އާޚިރުގައި ނާކާމިޔާބު،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

އޭގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސްއާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން މީހުން ދިރިއުޅޭ ގޮތާއި، މަސައްކަތްކުރާ ގޮތާއި، މުޢާމަލާތްކުރާ ގޮތް މުޅިން ބަދަލުވެފައިވާ ކަމަށާއި، ކޮންމެ ވިޔަފާރިއެއް ޑިޖިޓަލް ވިޔަފާރިއަކަށް ބަދަލުވަމުންދާއިރު، މުޅި ދައުލަތުގެ ހިންގުމާއި ޚިދުމަތް ދިނުމުގެ އޮނިގަނޑު ވެސް ޑިޖިޓަލް ވަމުންދާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރައްޔިތަކަށް ލިބޭ ފުރުސަތެއް، އޭނާ ދިރިއުޅޭ ރަށެއްގެ ސަބަބުން ހަނިނުވާނެ ފަދަ "ޑިޖިޓަލް ފަސްޓް" ގައުމެއް ބިނާކުރުމަކީ "މޯލްޑިވްސް 2.0″ ގެ މުހިންމު އެއް އަމާޒު ކަމަށާއި، "ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވާސިލުވާނެ، ގައުމީ ފެންވަރުގެ ގާބިލުކަން ބިނާކުރުމުގެ ބޮޑު ޙަރަކާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢު ކާމިޔާބުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ކައުންސިލްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަމާއި ބައިވެރިވުން ފޯރުކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.