މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށު ކައުންސިލްތަކަށް ބޭނުންވާ ޖާގަ މާލެ ސިޓީ ކައުންސިލުން ހިލޭ ހަމަޖައްސައިދިނުމަށް މިއަދު ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާގައި މި ނިންމުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ކައުންސިލުން ބުނީ، މާލެ ސަރަހައްދުގައި ރާއްޖޭގެ އެކި ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ އިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށު ކައުންސިލްތަކުން މާލެ އައިސް ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މި ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސް ތަންތަން، ރަށު ކައުންސިލްތަކުގެ ބައްދަލުވުންތަކަށް ހިލޭ ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން، އެ ބައްދަލުވުންތަކަށް ބޭނުންވާ ރިފްރެޝްމަންޓް ފަދަ ކަންކަންވެސް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ