ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ އާ މުހުލަތެއް ދީ، ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މި މުހުލަތުގެ ތެރޭގައި ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނަށް "ބިރުވެރި ހަލާކެއް" އޮއްސާލާނެ ކަމަށެވެ. މީގެ ކުރިން އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ނުވަތަ ކަނޑުއޮޅި ހުޅުވުމަށް 10 ދުވަހުގެ މުހުލަތެއް ދެއްވިކަން ހަނދާންކޮށްދެއްވަމުން، އެ ވަގުތު މިހާރު ހަމަވަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ހަމަލާތައް ފެށުމުގެ ކުރިން ބާކީ އޮތީ އެންމެ 48 ގަޑިއިރު ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް މިހާތަނަށް ކުރެއްވި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައި ނުވާއިރު، އޭނާ ދެއްވަމުން ގެންދަވާ މިފަދަ ބޮޑެތި އިންޒާރުތަކާ ގުޅިގެން އީރާނުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ