މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ހާސިލުކުރެވިފައިނުވާ ފަދަ ބޮޑު ކާމިޔާބީއަކާއެކު، މި ދައުރުގެ ތެރޭގައި ފަށާ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނިންމައި، ރައްޔިތުންނަށް އެތަންތަނުގައި ދިރިއުޅެން ފެށޭވަރު ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާޒީއަށް ބަލާއިރު އެއްވެސް ސަރުކާރަކުން ފެށި ހައުސިންގް މަޝްރޫއެއް އެ ސަރުކާރެއްގެ ދައުރުގެ ތެރޭގައި އެއްކޮށް ނިންމައި، ރައްޔިތުންނާ ހަވާލުކުރެވިފައި ނުވާކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އެ ސަގާފަތް ބަދަލުކޮށް، މަސައްކަތުގެ ދުވެލި ހަލުވިކޮށް، ކަނޑައެޅިފައިވާ މުއްދަތަށް މަޝްރޫއުތައް ނިންމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު ފަށާފައިވާ ބޮޑެތި މަޝްރޫއުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު ފަށާ 3،260 ހައުސިންގް ޔުނިޓުގެ މަސައްކަތަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޔުނިޓުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުވަތަ އެއަށްވުރެ ކުރިން ނިންމައި، އެ އަހަރުގެ މެދުތެރޭގައި ހުރިހާ ހައުސިންގް ޔުނިޓަކަށްވެސް ރައްޔިތުންނަށް ވަދެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ހުޅުމާލެއާއި ވިލިމާލޭގައި އަޅަން ނިންމާފައިވާ ސޯޝަލް ހައުސިންގް ޔުނިޓްތަކާއި އެހެނިހެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމަށް ތައްޔާރުވަމުންދާކަންވެސް ރައީސް ހާމަކުރެއްވިއެވެ. އެގޮތުން، "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މިހާރު ހުޅުވާލާފައިވާ 8،000 އެއްހާ ފްލެޓްގެ މަސައްކަތްވެސް ހަމަ މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމައި ހަވާލުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ. މި ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށްޓަކައި، ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް މިހާރުވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ