ފުންނާބުއުސް ދީނީ ޢިލްމުވެރިޔާ ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ފުންނާބުއުސް ދީނީ ޢިލްމުވެރިޔާ ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Author
އަހުމަދު
21 ޖޫން 2026 10:24
0

ރާއްޖޭގެ އެންމެ އިސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރުޙޫމްގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސް އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޝައިޚް އިސްމާޢީލް އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއި އަސަރާއެކު ކަމަށެވެ. ދ. މީދޫއަށް އުފަން އަދި މައްޗަންގޮޅީ ފީރޯޒްވާދީ، ޝައިޚް އިސްމާޢީލަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ، ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދީނީ ޢިލްމު ފެތުރުއްވުމުގެ އިތުރުން، ރާއްޖެއިން ބޭރުން ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް އެމަނިކުފާނު ވަނީ ފަހިކޮށްދެއްވާފައެވެ. އަދި ހަމައެހެންމެ، އެމަނިކުފާނަކީ ގިނަ އަދަދެއްގެ ދީނީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރައްވައި ނެރުއްވާފައިވާ، އަދި މިހާރުވެސް ޤައުމީ ޚިދުމަތުގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅުންނެއްގެ އުސްތާޛެއްކަން ރައީސްގެ މެސެޖުގައި ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ.

މަރުޙޫމް ޝައިޚް އިސްމާޢީލް މުޙައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު މާލޭގެ އިސްލާމީ މަރުކަޒުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.