އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަތަކަށް މެލޯނީ ސޯޝަލް މީޑިއާގައި ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
ފަރަންސޭސިވިލާތުގައި ކުރިއަށްދިޔަ ޖީ7 ސަމިޓުގެ ތެރެއިން، މެލޯނީ ފޮޓޯއެއް ނެގުމަށް ތަކުރާރުކޮށް އާދޭސްކުރެއްވި ކަމަށާއި، އޭނާގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް އިޓަލީގެ ވައިގެ މަރުކަޒުތައް ބޭނުންކުރުން މެލޯނީ މަނާކުރެއްވުމުގެ ސަބަބުން ދަތިތަކަކާ ކުރިމަތިވި ކަމަށް ވިދާޅުވެ، އެކަމަށްވެސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އިންސްޓަގްރާމްގައި އާންމުކުރެއްވި ބަޔާނެއްގައި މެލޯނީ ވިދާޅުވީ، އެއްވެސް ސަބަބެއް ނެތި ޓްރަމްޕް މެދުނުކެނޑި ދެއްވަމުން ގެންދަވާ ހަމަލާތަކަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ މަގުބޫލުކަން ބިނާވެފައި އޮތީ ޓްރަމްޕާއެކު އޮންނަ ގުޅުމެއްގެ މައްޗަށް ނޫންކަން ފާހަގަކުރައްވައި، ޓްރަމްޕްގެ އެކުވެރިއަކަށް ވެގެން ލިބޭނެ އިތުރު މަގުބޫލުކަމެއް ނެތް ކަމަށް މެލޯނީ ވިދާޅުވިއެވެ. އެމެރިކާގެ ރައީސް އެކުވެރި ގައުމުތަކާ މެދު މިގޮތަށް އަމަލުކުރައްވަނީ ކީއްވެގެންކަން ނޭނގޭ ކަމަށް ވިދާޅުވަމުން މެލޯނީ ވަނީ، އޭނާ ވިޔަސް އަދި އިޓަލީން ވިޔަސް ދުވަހަކުވެސް މީހެއްގެ ގާތުގައި އާދޭސް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
މި ދެ ލީޑަރުންގެ މެދުގައި ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ނުތަނަވަސްކަން އައިސްފައިވާއިރު، އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ އަންނަ ހަފުތާގައި އެމެރިކާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅެއްވެސް މިހާރު ވަނީ ކެންސަލް ކުރައްވާފައެވެ. މީގެ ކުރިން މި ދެ ލީޑަރުންގެ މެދުގައި ގާތް ސިޔާސީ ގުޅުމެއް އޮތް ނަމަވެސް، ފަހަކަށް އައިސް މި ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ކޮމެންޓު ފޮނުވާ