ރެކޯޑް އަދަދަކަށް ވޭޕް އަތުލައިގަތް ނަމަވެސް، މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

ރެކޯޑް އަދަދަކަށް ވޭޕް އަތުލައިގަތް ނަމަވެސް، މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

Author
އަހުމަދު
21 ޖޫން 2026 10:26
0

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފަހަކަށް އައިސް ރެކޯޑް އަދަދަކަށް ވޭޕް އަތުލައިގަނެފައިވީ ނަމަވެސް، މި މައްސަލަތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލަތައް ކަސްޓަމްސްއިން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކަސްޓަމްސްއިން ދާދިފަހުން ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ 22،300 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްގެން ރާއްޖެ އެތެރެކުރަން އުޅުނު 15،601 ވޭޕް ކާޓްރިޖް ހިމެނެއެވެ. މިއީ ސަރުކާރުން ވޭޕް މަނާކުރި ފަހުން އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.

މީގެ އިތުރުން، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 1،100 އަށްވުރެ ގިނަ ވޭޕް ކާޓްރިޖާއި ޑިވައިސްތައް ވެސް ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައެވެ. ކަސްޓަމްސްއިން މައުލޫމާތު ދޭގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ގެނައި ޝިޕްމަންޓްތަކާމެދު ޝައްކުކުރެވިގެން ހިންގި ފާސްކުރުންތަކެއްގެ ތެރެއިންނެވެ. އަދި މިހާރު ވަނީ ބޯޑަރު ސަރަހައްދުތަކުގައި މުދާ ފާސްކުރުމުގެ ކަންކަން ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އެތެރެކުރުން މަނާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. ގާނޫނު އޮންނަ ގޮތުން ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، ހިލޭ މީހަކަށް ވޭޕެއް ދިން ނަމަވެސް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ. އަދި ވޭޕް ވިއްކާ މީހުން 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، ވިއްކާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.