އެމެރިކާގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އީރާންގެ ގައުމީ ފުޓްބޯޅަ ޓީމަށް އަޅާފައިވާ ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެމެރިކާގެ ވައިޓް ހައުސްއިން ވިސްނަން ފަށައިފިއެވެ.
މިހާރު އޮންނަ ވިސާގެ ގަވާއިދު ބުނާގޮތުން، އެމެރިކާގައި ކުޅޭ މެޗުތަކަށް އީރާން ޓީމަށް އެ ގައުމަށް އެތެރެވެވެނީ މެޗު އޮންނަ ދުވަހުގެ އެންމެ ދުވަހެއް ކުރިންނެވެ. އަދި މެޗު ނިމޭ ދުވަހު ވަގުތުން އެ ގައުމުން ފުރަން މަޖުބޫރުވެއެވެ. މިކަމާ ގުޅިގެން އީރާންގެ ކޯޗު އާމިރު ގަލެނޮއީ ވަނީ މިއީ ވަރަށް ބޭއިންސާފު ގޮތެއް ކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ޓީމުގެ ފަރިތަކުރުންތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭތީ، އީރާނުން އަންނަނީ ފީފާއަށް ރަސްމީ މައްސަލައެއް ހުށަހެޅުމަށްވެސް ތައްޔާރުވަމުންނެވެ. އީރާނުން އެދެނީ މެޗުގެ ދެ ދުވަސް ކުރިން އެތެރެވެފައި، މެޗުގެ އަނެއް ދުވަހު ފުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
އީރާން ޓީމުގެ ބޭސް ކޭމްޕް މެކްސިކޯގެ ޓިހުއާނާގައި ހުރުމުން، ލޮސް އެންޖެލިސްއަށް ކުރާ 30 މިނެޓުގެ ކުރު ދަތުރުތަކަށް މާބޮޑު އުނދަގޫތަކެއް ނެތެވެ. ނަމަވެސް ޖޫން 27 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭ މެޗަށް ތިން ގަޑިއިރުގެ ދިގު ދަތުރެއް ކުރަންޖެހޭތީ، ވައިޓް ހައުސްއިން މިވަނީ މި އުސޫލުތަކަށް ބަދަލު ގެނައުމަށް މަޝްވަރާ ފަށާފައެވެ. ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑިރެކްޓަރު އެންޑްރޫ ޖިއުލިއާނީ ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާ ނުވާނެހެން ހުރިހާ ޓީމަކަށްވެސް ހަމަހަމަ ފުރުސަތު ދިނުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ގޮތް ކަމަށެވެ. އަދި އީރާނަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނީވެސް ރައީސް ޓްރަމްޕްގެ ޚާއްސަ ރިޔާސީ އަމުރެއްގެ ދަށުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ފުރަތަމަ މެޗުގައި ނިއުޒިލޭންޑާ ވާދަކޮށް 2-2 އިން އެއްވަރުކޮށްފައިވާ އީރާން، ދެން ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެގަޑިން 00:00 ގައި ލޮސް އެންޖެލިސްގައި ބެލްޖިއަމްއާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ