މެދުއިރުމަތީގެ ހަނގުރާމައިގެ ޚަބަރުތައް ފެތުރުމުގައި ޒިންމާދާރުވުމަށް އެމްއެމްބީސީން ގޮވާލައިފި

މެދުއިރުމަތީގެ ހަނގުރާމައިގެ ޚަބަރުތައް ފެތުރުމުގައި ޒިންމާދާރުވުމަށް އެމްއެމްބީސީން ގޮވާލައިފި

Author
ޙަސަން މުޙައްމަދު
26 މާރޗް 2026 10:38
0

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ނޫސްވެރިންނާއި މީޑިއާތަކުން ފުރިހަމައަށް ޒިންމާދާރުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މުޅި ދުނިޔެ ނާޒުކު އަދި ބިރުވެރި ހާލަތެއް ތަހައްމަލުކުރަމުންދާ މި ދަނޑިވަޅުގައި، ޚަބަރު ފެތުރުމުގައި މީޑިއާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އިސްކަންދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، އެކި މަސްދަރުތަކުން ހޯދާ މަޢުލޫމާތުތައް ގެނެސްދޭއިރު، އެ ވާހަކައެއްގެ އަސްލު މަފްހޫމު ނުގެއްލޭނެހެން ކޮންޓެންޓް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަން އެމްއެމްބީސީން ފާހަގަކުރިއެވެ. އަދި މުޖުތަމަޢުގައި ނަފްރަތު އުފެއްދުމަށްޓަކައި މެނިޕިއުލޭޓް ނުވަތަ ފެބްރިކޭޓް ކޮށްގެން ހަދާފައިވާ އޯޑިއޯ، ވީޑިއޯ އަދި ފޮޓޯ ފަދަ ތަކެތި ބޭނުން ނުކުރުމަށްވެސް ވަނީ ހަރުކަށިކޮށް އަންގާފައެވެ.

މުޖުތަމަޢުގެ އަމާންކަމާއި މަސްލަހަތު ކަށަވަރުކުރުމަށްޓަކައި، ކޮންމެ ނޫސްވެރިއަކުވެސް އަދި ކޮންމެ މީޑިއާއަކުންވެސް އެ ބައެއްގެ ފަރުދީ ޒިންމާ އިސްކޮށް، ތެދުވެރިކަމާއެކު މަސައްކަތްކުރުމަށް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.