ޓީބީ ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގައި ހުރި ނުރަނގަޅު ވިސްނުންތައް ބަދަލުކޮށް، ބަލިމީހުންނަށް އޯގާތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ޓީބީއަކީ ހަމައެކަނި ތަފާސްހިސާބުތަކަކުން ފެންނަ އަކުރުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އާންމު ދިރިއުޅުމާއި، އާއިލާތަކުގެ އުފާވެރިކަމުގެ އިތުރުން މީހުންގެ ކުރިމަގަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާ ކަމެއްކަން ފަސްޓް ލޭޑީ ވިދާޅުވިއެވެ. އެހެންކަމުން، މި ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސާޖިދާ ވިދާޅުވީ، މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ފަރުވާ ހޯދިފައިވާ ބައްޔަކަށްވާއިރު، އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ މި ބަލީގެ ވޭނުގައި އެއްވެސް މީހަކު އިތުރަށް އުޅެން ނުޖެހޭނެކަން ކަށަވަރުކުރެވޭނެ ކަމަށެވެ. އަދި ބައްޔާ ގުޅޭ ސައްޙަ މަޢުލޫމާތު ފެތުރުމުގެ މުހިންމުކަންވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ކާސި ބަލި ނުވަތަ ޓީބީ ރާއްޖެއިން މުޅިން ނައްތާލުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އަމާޒަށް ވާސިލުވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އާ ގުޅިގެން ރާއްޖެއިން ދަނީ ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮމެންޓު ފޮނުވާ