މެލޭޝިޔާގެ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

މެލޭޝިޔާގެ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

Author
ހުސައިން
16 މާރޗް 2026 12:26
0

މެލޭޝިޔާގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.

"މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ގެ ނަމުގައި އަންނަ އޮކްޓޫބަރު މަހުގެ 4 އިން 10 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައި ބާއްވާ މި މުބާރާތުން ރާއްޖެއަށް ލިބިފައިވަނީ ޖުމްލަ ދެ ޖާގައެވެ. އެއީ އަންހެން ބައިވެރިއަކަށާއި ފިރިހެން ބައިވެރިއަކަށް ދީފައިވާ ފުރުޞަތެކެވެ. މުބާރާތުގައި ކުރިއަށްދާނީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބަޔާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ބަޔެވެ. މީގެ ތެރެއިން ހިތުން ކިޔެވުމުގެ ބައިގައި 13 އަހަރާއި 25 އަހަރާ ދެމެދުގެ ހާފިޒުންނަށް ބައިވެރިވެވޭއިރު، މުޖައްވަދު ބައިގައި ބައިވެރިވެވޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ދިވެހި ރައްޔިތުންނަށެވެ. އަދި މީގެ ކުރިން މި މުބާރާތުން އެއްވަނަ ހޯދާފައިވާ ފަރާތަކަށް ނުވުމާއި، ފާއިތުވި ތިން އަހަރު މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށް ނުވުން އާންމު ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ. ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވާގޮތުގައި، މުބާރާތުގައި ކިޔެވުމަށް މެލޭޝިއާއަށް ދާނީ ކޮލިފައިންގ ބުރުން ފާސްވާ ދެ ބައިވެރިންނެވެ. އޮންލައިން ސްކްރީން ކުރިއަށްދާނެ ގޮތުގެ ތަފްސީލުތައް އިންތިޒާމުކުރާ ފަރާތުން ބައިވެރިންނަށް އަންގާނެއެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ޝައުޤުވެރިވާ ފަރާތްތަކުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ 64 ވަނަ އެޑިޝަންގައި ރާއްޖެ ތަމްސީލުކުރި ފާތިމަތު ޝާޔާ ޒާހިރު ވަނީ ހިފްޒު ބައިން 3 ވަނަ ހާސިލުކޮށް، ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ހޯދައިދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.