އއ. އުކުޅަހުގެ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އއ. އުކުޅަހުގެ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
ހުސައިން
15 މާރޗް 2026 11:30
0

އއ. އުކުޅަހުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ރަށުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 19 އޮކްޓޯބަރު 2022 ގައެވެ. އަދި މަސައްކަތް އަމަލީގޮތުން ފަށާފައިވަނީ 12 ޖެނުއަރީ 2024 ގައެވެ. ޖުމްލަ 56.11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެ ރަށުގެ 2،678 މީޓަރުގެ ދިގުމިނުގެ 10 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ތެރޭގައި 14،452 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއްގެ އިތުރުން 4،193 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް (ޕޭވްމަންޓް) ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމަކާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ސާވިސް ލައިންތަކާއި ކޭބަލް ޖަންކްޝަން ފޮށި ވަޅުލުން ވެސް ހިމެނެއެވެ. އަދި މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަގުބައްތި ހަރުކުރުމާއި، ޓްރެފިކް ނިޝާންތަކާއި ސައިން ބޯޑު ހަރުކުރުމާއި، ކަފިހި ހުރަހާއި ސްޕީޑް ބްރޭކަރު ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ފުރިހަމަކުރެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.