ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ "ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް" ގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ދިފާޢީ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މިއީ ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު އަދި އަޚުލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ރާއްޖޭގައި މުޅިން އަލަށް ފަށައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ދިފާއީ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރި ޒުވާނުންނަށް ކަމަށެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. މި ތަމްރީނުތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި އެ ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި ޕްރޮގްރާމަކީ ކާމިޔާބުކަމާއެކު ކުރިއަށްދާ ޕްރޮގްރާމެކެވެ. އެގޮތުން ފުރަތަމަ ބުރުން 344 ޒުވާނުން ތަމްރީނު ފުރިހަމަކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރެއިން ހޮވާލެވުނު 65 ކުދިން ބ. ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގައި މިހާރު ފަންނީ ތަމްރީނުތައް ފުރިހަމަކުރަމުން އަންނައިރު، ފަންނީ ތަމްރީނަށް ނުހޮވުނު 241 ޒުވާނުންނަށް ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ ދެވަނަ ބުރުގެ ތަމްރީނުތައްވެސް މިވަގުތު ދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ