ކުރިއަށް އޮތް މާޗު މަހު ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނުގަދަވެ، ވާރޭ ވެހުން މަދުވާނެ

ކުރިއަށް އޮތް މާޗު މަހު ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނުގަދަވެ، ވާރޭ ވެހުން މަދުވާނެ

Author
ޙަސަން މުޙައްމަދު
27 ފެބްރުއަރީ 2026 05:28
0

ކުރިއަށް އޮތް މާޗު މަހު މުޅި ރާއްޖެއަށް ވެސް ވާރޭ ވެހޭ މިންވަރު މަދުވެ، ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ ލަފާކުރުންތައް ދައްކާ ގޮތުން، މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ދުވާލާއި ރޭގަނޑުގެ ފިނިހޫނުމިން ހުންނާނީ އާދައިގެ މިންވަރަށް ވުރެ މަތީގަ އެވެ. މި ހަފުތާގެ ތެރޭގައި ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާފައިވާއިރު، މި ދުވަސްވަރު ހޫނުކަން ބޮޑުވެގެން ދަނީ ވައި މަޑުވުމުގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުންނާތީ އެވެ. އާންމު ގޮތެއްގައި ވެސް ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދެމިގެންދާ އިރުވައި މޫސުމަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.

ހޫނުގަދަވުމުގެ އިތުރުން މާޗު މަހަކީ ވާރޭ ވެހުން ވެސް މަދުވާނެ މަހެއް ކަމަށް ލަފާކުރެވެ އެވެ. އެގޮތުން ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާދައިގެ މިންވަރަށް ވުރެ މަދުން ވާރޭ ވެހޭނެ ކަމަށް ބެލެވޭއިރު، އުތުރުގެ އަތޮޅުތަކަށް ވެސް ވާރޭ ވެހޭނީ އާދައިގެ މިންވަރަށް ނުވަތަ އެއަށްވުރެ ވެސް މަދުންނެވެ. މިއީ ތަފާތު ބަދަލެކެވެ. ސަބަބަކީ މިދިޔަ އަހަރުގެ މާޗު މަހު ހުޅުލެއަށް އާންމުކޮށް ވެހޭ ވަރަށް ވުރެ ފަސް ގުނަ އިތުރަށް ވާރޭ ވެހިފައި ވުމެވެ. ނަމަވެސް މިދިޔަ އަހަރު ވެސް ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހުނީ ވަރަށް މަދުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 1991 އިން 2025 އަށް އެއްކުރެވިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މާޗު މަހު އެވްރެޖްކޮށް ހޫނުމިން އުޅެނީ 30.5 ޑިގްރީ އާއި 30.9 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. ރާއްޖޭގައި މިހާތަނަށް އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ރެކޯޑު ކުރެވިފައި ވަނީ މިދިޔަ 2024 ވަނަ އަހަރުގެ އެޕްރީލް މަހު މާލެއަށެވެ. އެ ދުވަހު އިހުސާސް ކުރެވޭ ހޫނުމިން 48 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެ އެވެ.

ކުރިއަށް އޮތީ ހޫނުގަދަ އަދި ވާރޭވެހުން މަދު ދުވަސްތަކަކަށް ވާތީ، ފެނުގެ ވަސީލަތްތައް ބެލެހެއްޓުމަށާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ދުރާލައި ތައްޔާރުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.