ސިނަމާލެ އާއި މާލެހިޔާގެ ޖޫރިމަނާ މާފުކޮށްދޭން ކައުންސިލުން ފާސްކޮށްފި

ސިނަމާލެ އާއި މާލެހިޔާގެ ޖޫރިމަނާ މާފުކޮށްދޭން ކައުންސިލުން ފާސްކޮށްފި

Author
އަހުމަދު
26 ފެބްރުއަރީ 2026 03:12
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މާލޭގައި އެންމެ ފުރަތަމަ އިމާރާތްކުރި ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ކުލީގެ ޖޫރިމަނާ މާފުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މި ގޮތަށް ކައުންސިލުން ނިންމީ، އެ ފްލެޓްތަކުގެ ހާލަތު ދަށްވެ، ވީރާނާވަމުންދާތީ އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް ރައީސް މުއިއްޒަށް ހުށަހެޅުމުންނެވެ. މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ގަލޮޅު ރައްޔިތުންނާ އެކު މުލިއާގޭގައި ބޭއްވި ބައްދަލުވުމަކަށްފަހު، އެތަންތަނަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދެއްވުމަށާއި އިނާޔަތެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިކަން ފާސްކުރުމަށް މިއަދު ބޭއްވި ކައުންސިލްގެ ޖަލްސާގައި ކޮންމެވެސް ވަރެއްގެ ބަހުސެއް ވެސް ކުރެވުނެވެ. ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ދެކެވަޑައިގެންނެވީ ރައީސް އެކަން އިއުލާންކުރައްވާފައިވާތީ ކައުންސިލުން އިތުރަށް ފާސްކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، މާލިއްޔަތު ގަވާއިދު އޮންނަ ގޮތުން، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަނެއްގެ ފައިސާއެއް މާފުކުރެވޭނީ ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށްގެން ކަމަށްވާތީ، ފައިނޭންސް ކޮންޓްރޯލަރުގެ ލަފައާ އެކު އެ ނިންމުން ނިންމީ އެވެ.

ކައުންސިލުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް އެ ފްލެޓްތަކުން ކުއްޔާއި މެއިންޓަނަސް ފީ އަދި ޖޫރިމަނާގެ ގޮތުގައި 25.9 މިލިއަން ރުފިޔާ ލިބިފައި ނުވެ އެވެ. އޭގެ ތެރެއިން 86 ޕަސެންޓަކީ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެވެ. މީގެ ކުރިން މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު ވެސް 860،445 ރުފިޔާގެ ޖޫރިމަނާ ވަނީ މާފުކޮށްދީފަ އެވެ.

ޖޫރިމަނާ މާފުކުރުމުގެ އިތުރުން، އެތަންތަނުގެ ހާލަތު ދަށްވެފައިވާތީ ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުން ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާގެ އިނާޔަތެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ކުރިމަގުގައި އެ ތަންތަން ތަޅާލައި، ޒަމާނީ ފެންވަރަށް އަލުން އިމާރާތްކޮށް، މިހާރު ތިބި މީހުންނަށް އެތަނުން ފްލެޓް ދިނުމަކީ ވެސް ސަރުކާރުގެ ޕްލޭނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.