އިސްރާއީލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ މަތީ ޝަރަފު "ސްޕީކާ އޮފް ދަ ކްނެސެޓް މެޑަލް" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިއަދު އަރުވައިފިއެވެ.
މިއީ އިންޑިއާގެ ތާރީހުގައި އެ ގައުމުގެ ބޮޑުވަޒީރަކަށް އިސްރާއީލުން މިފަދަ މަތީ ޝަރަފެއް އެރުވި ފުރަތަމަ ފަހަރެވެ. އިސްރާއީލުގެ ޕާލަމެންޓުގައި މޯދީ ދެއްކެވި ވާހަކަފުޅަށްފަހު މި މެޑަލް ހަވާލުކޮށްދެއްވީ ކްނެސެޓްގެ ރައީސް އަމީރު އޮހާނާއެވެ. މި އެވޯޑު މޯދީއަށް ދެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓެޖިކް ގުޅުންތައް ހަރުދަނާކުރުމަށް މޯދީ ގެންގުޅުއްވާ ހަރުދަނާ ލީޑަޝިޕްގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި މޯދީ އިސްރާއީލަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މިއަދު އިސްރާއީލަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުންނެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން، އެމެރިކާ އާއި ޖަރުމަނު ފަދަ ގައުމުތަކާ އެކު އިސްރާއީލުން ބާއްވާ ފެންވަރުގެ "ސްޕެޝަލް ސްޓްރެޓީޖިކް ޕާޓްނަޝިޕް" އަކަށް ބަދަލުވެގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ މޯދީއަކީ އިސްރާއީލާއި ފަލަސްތީނުން ވެސް މަތީ ޝަރަފު ލިބިވަޑައިގެންފައިވާ މަދު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމެވެ. މީގެ ކުރިން 2018 ވަނަ އަހަރު، ބޭރުގެ އިއްޒަތްތެރިންނަށް ދޭ ފަލަސްތީނުގެ އެންމެ މަތީ އެވޯޑް "ގްރޭންޑް ކޮލާ" ވެސް މޯދީއަށް ވަނީ އަރުވާފައެވެ. ދިފާއީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރައްވާ މި ދަތުރުފުޅުގައި މޯދީ ވަނީ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވާފައެވެ. މިއީ ދުނިޔޭގެ ލީޑަރުންނަށް ވަރަށް މަދުން ނޫނީ ނުލިބޭ ފުރުސަތެކެވެ.
ކޮމެންޓު ފޮނުވާ