ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްޗަށް މޮރިޝަސްއަށްވުރެ ބޮޑަށް ދިވެހިރާއްޖޭގެ ހައްގު އޮތްކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޝް ވިދާޅުވެއްޖެއެވެ.
އިނގިރޭސި ޕާލަމެންޓުގެ ހައުސް އޮފް ކޮމަންސްގައި ވާހަކަދައްކަވަމުން ކްލެކްޓަން ދާއިރާގެ މެންބަރު ނައިޖަލް ވިދާޅުވީ، ރާއްޖެއާއި ޗާގޯސްއާ ދެމެދު ޒަމާންވީ ތާރީޚީ، ވިޔަފާރި އަދި އާކިއޮލޮޖިކަލް ގުޅުންތަކެއް އެބަހުރި ކަމަށެވެ. ފަރަންސޭސިން އެތަނުގެ ރަށްތަކަށް ނަން ދީފައިވަނީ ވެސް ދިވެހި ބަހުގެ މައްޗަށް ބުރަވެތިބެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ތާރީޚީ އަދި ސަގާފީ ގޮތުން އެއްވެސް އަސާސެއް ނެތް މޮރިޝަސްއަށް ޗާގޯސްގެ މައްޗަށް އޮތް ހައްގެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ރާއްޖެއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހަޅާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޗާގޯސްގެ ސިޔާދަތު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ނައިޖަލް ވިދާޅުވީ، އެކަން އެގޮތަށް ކޮށްފިނަމަ އިންޑިއާ ކަނޑުގައި ޗައިނާއާއި އިންޑިއާގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުންފުޅު ހުރީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް، ޑިއެގޯ ގާސިއާގައި ހުރި އަސްކަރީ މަރުކަޒު ހިމާޔަތްކުރުމަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނައިޖަލް މިފަދައިން ވާހަކަދައްކަވާފައިވަނީ ދާދިފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތަކަށްފަހުގައެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ ޗާގޯސްގެ ރަށްވެހިންނަށް އަނބުރާ ވަޒަނަށް ދިއުމުގެ ހައްގު ހޯދައިދިނުމުގެ އިންސާނީ މަސައްކަތެއްގައި އެތަނަށް ދިއުމަށެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ޕްރެޝަރުކޮށް، އޭނާ ޗާގޯސްއަށް ދިއުމަށް ހުރަސްއެޅިކަމަށް ނައިޖަލް ވަނީ ތުހުމަތުކުރައްވާފައެވެ. އިނގިރޭސި ސަރުކާރުން ބުނެފައިވަނީ އެތަނަށް ދިއުމަށް ޚާއްސަ ހުއްދައެއް ބޭނުންވާއިރު، ނައިޖަލްގެ އަތުގައި އެ ހުއްދަ ނެތް ކަމަށެވެ.
ފޯޅަވަހީގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ގެންގުޅުއްވަނީ ވަރުގަދަ ސިޔާސަތެކެވެ. ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހިންގެ ބިމުން ވެލިފުކެއް ވެސް އަދި ކަނޑުން ޒައްރެއްގެ މިންވަރު ވެސް ދޫކޮށްނުލައްވާނެ ކަމަށެވެ. އިނގިރޭސިވިލާތުން މޮރިޝަސްއަށް ފޯޅަވަހި ދިނުމަށް ނިންމި ނިންމުމާ ދެކޮޅަށް ރާއްޖެއިން ރަސްމީކޮށް އިނގިރޭސި ސަރުކާރަށް ލިޔުމުން އަންގާފައިވާކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި އިގްތިސާދަށް ލިބިދާނެ ގެއްލުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އިޓްލޮސްގެ ނިންމުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ގާނޫނީ މަސައްކަތްތައް ފަށާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމައި، މި މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތް ބެލުމަށް "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފައްދަވަން ނިންމަވާފައިވާކަމަށް ވެސް ރައީސް މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ. ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ބެހި ގޮތުން ރާއްޖެއަށް ބޮޑު ބައެއް ގެއްލިފައިވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ