ވައި ނުސާފުވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން ބައިނަލްއަގުވާމީ މަސައްކަތްތަކެއް ފަށައިފި

ވައި ނުސާފުވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން ބައިނަލްއަގުވާމީ މަސައްކަތްތަކެއް ފަށައިފި

Author
ޙަސަން މުޙައްމަދު
25 ފެބްރުއަރީ 2026 03:10
0

ރާއްޖޭގެ ވައި ނުސާފުވެ، ދުންފިނީގެ އަސަރު ބޮޑުވުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ދުވަސްވަރު މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މޫސުމީ ދުންފިނީގެ އަސަރު ރާއްޖެއަށް ވެސް ފޯރަމުންދާތީ، އެކަމުގެ ސަބަބުން އާންމު ސިއްހަތާއި ތިމާވެއްޓަށް އަދި އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. ޚާއްސަކޮށް ބޯޑަރު ހުރަސްކޮށް އަންނަ މި ތަގައްޔަރުކަމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ނުރައްކާ އޮތްކަން ސަރުކާރުން ފާހަގަކުރެއެވެ.

ރާއްޖެ އުފެދިފައިވާ ގޮތާއި، ވަކި ސަރަހައްދުތަކެއްގައި އާބާދީ ތޮއްޖެހިފައި އޮތުމަކީ މި މައްސަލައިގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، މިކަމަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ބޭރުގެ ފަރާތްތަކާއެކު ސައިންޓިފިކް ދިރާސާތަކާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށާފައެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި މެދުނުކެނޑި މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ވައިގެ ފެންވަރު ރަނގަޅުކޮށް ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ހޯދުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.