ބާޒާރުގައި އޮރެންޖު ތިޔާގިކަން ކުޑަވެ، އަގުތައް އުުފުލިއްޖެ

ބާޒާރުގައި އޮރެންޖު ތިޔާގިކަން ކުޑަވެ، އަގުތައް އުުފުލިއްޖެ

Author
ޙަސަން މުޙައްމަދު
21 ފެބްރުއަރީ 2026 01:46
0

މާލެ އާއި ހުޅުމާލޭގެ ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ، އާންމު ފިހާރަތަކާއި މާރުކޭޓު ގޮޅިތަކުން އޮރެންޖު ހުސްވެ އޭގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ރޯދަ މަސް ފެށުމުގެ ކުރިން ބާޒާރުގައި އޮރެންޖެއްގެ އަގު ހުރީ 5 ރުފިޔާ އާއި 7 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް ރޯދަ މަސް ފެށުމާއެކު މި އަގުތައް ވަނީ 7 ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގެ މިންވަރަކަށް މައްޗަށް ޖެހިލާފައެވެ. މި ވަގުތު މާރުކޭޓުގެ ބައެއް ގޮޅިތަކުގައި އޮރެންޖެއް 10 ރުފިޔާއަށް ވިއްކަމުންދާއިރު، ގިނަ ގޮޅިތަކުން ވަނީ އޮރެންޖު ހުސްވެފައެވެ.

ބާޒާރުގެ ބޮޑެތި ފިހާރަތަކުގެ އަގުތަކަށް ބަލާއިރު، އެސްޓީއޯއިން އޮރެންޖު ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށެވެ. އެއީ ގާތްގަނޑަކަށް އޮރެންޖެއް 6 ރުފިޔާގެ ރޭޓުންނެވެ. ރެޑްވޭވްގެ ފިހާރަތަކުން އޮރެންޖެއް 8 ރުފިޔާއަށް ލިބެން ހުރިއިރު، އެސްޖޭ މޯލްގައި ކިލޯއެއް 60 ރުފިޔާއަށް ވިއްކާކަމަށްވާނަމަ އޮރެންޖެއްގެ އަގު އުޅެނީ 8 ރުފިޔާއިން މަތީގައެވެ.

ވަކިވަކި އޮރެންޖުގެ އަގު އުފުލިގެން ދިޔައީ ހޯލްސޭލްކޮށް ލިބޭ އަގު ބޮޑުވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ހުޅުމާލޭ މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު ބުނި ގޮތުގައި، ރޯދަ މަސް ފެށުނުއިރު 850 ރުފިޔާއަށް ލިބުނު އޮރެންޖު ކޭހެއްގެ އަގު މިއަދު ވަނީ 950 ރުފިޔާއަށް އުފުލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.