ރަމަޟާން މަހަކީ ތައުބާވުމާއި ދީލަތިކަމުގެ މައްސަރު: ﷲގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް ނަސޭހަތްތެރިވެއްޖެ

ރަމަޟާން މަހަކީ ތައުބާވުމާއި ދީލަތިކަމުގެ މައްސަރު: ﷲގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް ނަސޭހަތްތެރިވެއްޖެ

Author
ހުސައިން
20 ފެބްރުއަރީ 2026 12:51
0

ބަރަކާތްތެރި ރަމަޟާން މަހަކީ މާތް ﷲ އަށް ބިރުވެތިވެ، ފާފަތަކުން ތައުބާވެ، ހެޔޮ އަމަލުކުރުމުގައި ދެމިތިބެންވީ މައްސަރުކަމަށާއި، އެކަލާނގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް މިއަދުގެ ހުކުރު ޚުޡުބާގައި ގޮވާލައިފިއެވެ. މިގޮތުން އަމިއްލަ ނަފްސަށް ފާފަކޮށް އިސްރާފުކޮށްފައިވާ އަޅުތަކުންވެސް ﷲގެ ރަޙްމަތާމެދު މާޔޫސް ނުވުމަށާއި، އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަން ޤުރުއާނުގެ އާޔަތްތަކުންނާއި ރަސޫލާގެ ޙަދީޘްތަކުން ސާބިތުވާކަން ވަނީ ހަނދާންކޮށްދީފައެވެ.

"ތަގުވާވެރިވުމާއި ތައުބާގެ މައްސަރު" މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޡުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކީރިތި ރަސޫލާ ﷺ އަކީ އެންމެ ދީލަތި ބޭކަލެވެ. އަދި ރަމަޟާން މަސް އައުމުން އެކަލޭގެފާނުގެ ދީލަތިކަން އިތުރުވެގެންދެއެވެ. ޖިބްރީލްގެފާނު ރަމަޟާން މަހުގެ ކޮންމެ ރެއަކު ރަސޫލާ ﷺ އާ ބައްދަލުކުރައްވައި ޤުރުއާން މުދާރަސާ ކުރައްވައެވެ. ޖިބްރީލްގެފާނާ ބައްދަލުކުރައްވާ ހިނދު، ޖެހެމުންދާ ވައިރޯޅިއަށްވުރެ ވެސް ރަސޫލާގެ ދީލަތިކަން އިތުރުވެގެންދާކަމަށް އިބްނު އައްބާސް ރިވާކުރެއްވި ޙަދީޘްފުޅުގައި ވެއެވެ. މީގެއިތުރުން، ރަމަޟާން މަހުގެ ފުރަތަމަ ރޭ ޝައިޠާނުންތައް ކަސްތޮޅު އެޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާކަމަށާއި، ކޮންމެ ރެއަކުވެސް ނަރަކައިން މީސްތަކުން މުއްތިކުރައްވާކަން ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ޚުޡުބާގައި އިތުރަށް ބާރުއަޅާފައިވަނީ ތައުބާވުން އަވަސްކުރުމަށެވެ. މާތް ﷲ ރޭގަނޑުގެ ވަގުތުގައި އެކަލާނގެ 'އަތްޕުޅު' ފަތުރުއްވަވަނީ ދުވާލުގެ ވަގުތުގައި ކުށްކުރި މީހާ ތައުބާވުމަށެވެ. އަދި ދުވާލުގެ ވަގުތުގައި އެކަލާނގެ 'އަތްޕުޅު' ފަތުރުއްވަވަނީ ރޭގަނޑު ކުށްކުރި މީހާ ތައުބާވުމަށް ކަމުގައި ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ. އެހެންކަމުން، މަރު އައުމުގެ ކުރިން ތައުބާވެ، ހެޔޮކަމުގެ މަގަށް ރުޖޫޢަވުމަށް ގޮވާލާފައިވެއެވެ. ހެޔޮކަމަށް އެދޭ މީހާއަށް ކުރިމަތިލުމަށާއި، ނުބައިކަމަށް އެދޭ މީހާ އެކަން ހުއްޓާލުމަށް ގޮވާލާ ގޮވާލުމެއް ރަމަޟާން މަހު އިވޭނެކަންވެސް ވަނީ ބަޔާންކޮށްފައެވެ.

ޚުޡުބާގައި ވަނީ، ކީރިތި ރަސޫލާ ﷺ ދުވާލަކު ހަތްދިހަ ފަހަރަށްވުރެ ގިނައިން އިސްތިޣްފާރު ކުރައްވާ ކަމަށާއި، މުސްލިމުންވެސް އެކަލޭގެފާނު ނަމޫނާއަކަށް ބަލައި ގިނަގިނައިން ތައުބާވެ އިސްތިޣްފާރު ކުރުމަށް ވަޞިއްޔަތްކޮށްފައެވެ. އަދި ތަޤްވާވެރިކަމަކީ ހިތުގައިވާ އެއްޗެއްކަން ބަޔާންކޮށް، ހިތްތައް ޠާހިރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.