ސިނަމާލެ ބްރިޖު ހައިވޭގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ދެ ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާ އެންމެ ގިނަ މައްސަލަތަކަކީ އެކްސިޑެންޓުތަކެވެ. އެގޮތުން ރިޕޯޓުކޮށްފައިވާ ޖުމްލަ 1،325 މައްސަލައިގެ ތެރެއިން 380 މައްސަލައަކީ އެކްސިޑެންޓުތަކެވެ. ސިނަމާލެ ބްރިޖާއި ހައިވޭގައި މީގެ ކުރިންވެސް ނުރައްކާތެރި ގިނަ އެކްސިޑެންޓުތައް ހިނގައި، ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާއިރު، މިފަދަ ހާދިސާތަކުގައި ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވާ މީހުން ވެސް ތިބިކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ