ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ނުސާފުކަން މިއަދުވެސް ހުރީ ސިއްހީ ގޮތުން ނުރައްކާތެރި މިންވަރެއްގައި ކަމަށް ވައިގެ ސާފުމިން ބަލާ "އައިކިއު އެއާ" ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވައިގެ ސާފުމިން ބަލާ މިންގަނޑުތަކަށް ރިއާޔަތްކުރާއިރު، މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ސަރަހައްދުގައި ވައިގެ ސާފުމިން (އޭކިއުއައި) 159 ގައި ހުރިއިރު، މާލެ ސަރަހައްދުގެ ވައިގެ ސާފުމިން ހުރީ 154 ގައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު އާންމު ސިއްހަތަށް ނުރައްކާ މިންވަރެކެވެ. ނަމަވެސް ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫ ސިޓީގައި ވައިގެ ސާފުމިން ހުރީ އާންމު ހާލަތެއްގައެވެ.
އާންމު ގޮތެއްގައި މި ދުވަސްވަރު ރާއްޖެއަށް ހޭޒް ނުވަތަ ވައި ނުސާފުވުމުގެ އަސަރުކުރަނީ އިރުވައި މޫސުމުގެ ވަޔާއެކު އަވަށްޓެރި ގައުމުތަކުން، ހާއްސަކޮށް އިންޑިއާގެ ދަނޑުތައް އެންދުމުން އުފެދޭ ދުން ރާއްޖެއާ ހަމައަށް ފޯރުމުންނެވެ. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ވައި ނުސާފުވުމުގެ މައްސަލަ ދިގުލައިގެން ގޮސްފައިވާތީ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
މި ހާލަތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ އުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ބާރުއަޅައެވެ. އަދި ކުރިއަށް އޮތް 5 ދުވަހުވެސް ވައި ނުސާފުވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިވުމަށް ވަނީ އަންގާފައެވެ.
ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި މިފަދަ ހާލަތްތަކުގައި ނާޒުކު ސިއްހީ ހާލަތްތަކުގައިވާ މީހުން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުމަށާއި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
ކޮމެންޓު ފޮނުވާ