ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފެރީގެ ޚިދުމަތް ޒޯން 4 ގައި ހިމެނޭ ފ. އަތޮޅާއި ދ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. އެމްޓީސީސީން މި ޚިދުމަތް ފެށުމާއެކު، މި ދެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބި، އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ވެސް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އެކަމަށްޓަކައި ފ. ނިލަންދޫ އަދި ދ. މީދޫގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކެއްގައި މަދަނީ އުދުހުންތަކާބެހޭ މިނިސްޓަރު މުހައްމަދު އަމީންއެވެ. މި ރަސްމިއްޔާތުތަކުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ބަލަސުބްރަމަނިޔާމް ގަންދަރަންގެ އިތުރުން، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޚިދުމަތް ފެށިގެން ދިއުމަކީ ރައްޔިތުން ރަށު ބަންދުން ވީއްލިގެންދާނެ ކަމެއް ކަމުގައި އެމްޓީސީސީން ފާހަގަކުރެއެވެ.
މި ޒޯންގައި ޖުމްލަ ހަ ރޫޓަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ފ. އަތޮޅާއި ދ. އަތޮޅު ސީދާ ގުޅާލެވޭ ދެ ރޫޓު ހިމެނެއެވެ. ދަތުރުތަކުގައި ބޭނުންކުރާނީ 48 މީހުންގެ ޖާގައިގެ އެއާކޯން ކޮށްފައިވާ ޒަމާނީ ފެރީތަކެކެވެ. މި ފެރީތަކަކީ ވީލްޗެއާ އަދި ސްޓްރެޗަރއަށް ޚާއްސަ ޖާގަ ހިމެނޭހެން ފަރުމާކޮށްފައިވާ އުޅަނދުތަކަކަށް ވާއިރު، އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ ފެރީއަކުން ވެސް ހަތަރު ސީޓު ޚާއްސަކޮށްފައި ހުންނާނެއެވެ. އަދި ފެރީތަކުގައި މަސައްކަތްކުރާނީ ޚާއްސަ ތަމްރީނު ލިބިފައިވާ ފަޅުވެރިންނެވެ.
ޚިދުމަތް ފެށުމުގެ ގޮތުން، މާދަމާއިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ "އަހުލުވެރިކަމުގެ ދަތުރު" ތަކެވެ. މި މުއްދަތުގައި އާންމުންނަށް މުޅިން ހިލޭ ދަތުރުކުރެވޭނެއެވެ. މި ހަފްތާގެ ތެރޭގައި ދަތުރުކުރުމަށް ޝީޓް ބުކްކުރަން ބޭނުންވާ ފަރާތްތަކުން ގުޅަންޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ. އަގު ނަގައިގެން ދަތުރުތައް ކުރަން ފަށާނީ މި މަހުގެ 25 އިން ފެށިގެންނެވެ. އެހެންނަމަވެސް، އެންސްޕާގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ޓިކެޓް ނެގުމަކާ ނުލައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ދަތުރުތަކުގެ ޝެޑިއުލް އާރުޓީއެލް ވެބްސައިޓުންނާއި އެޕްލިކޭޝަނުން ބަލައިލެވޭނެއެވެ.
ކޮމެންޓު ފޮނުވާ