ވައިގެ ދަތުރުފަތުރުގެ ދާއިރާގެ އަގުވަޒަންކޮށް، އެމްއޭސީއެލް އިން "ވެލާނާ އެވޯޑްސް" ދީފި

ވައިގެ ދަތުރުފަތުރުގެ ދާއިރާގެ އަގުވަޒަންކޮށް، އެމްއޭސީއެލް އިން "ވެލާނާ އެވޯޑްސް" ދީފި

Author
ހުސެއިން
14 ފެބްރުއަރީ 2026 11:13
0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ވެލާނާ އެވޯޑްސް" ތައާރަފުކޮށް ފުރަތަމަ ފަހަރަށް އެވޯޑް ދީފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ދިން މި އެވޯޑަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޕާޓްނަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، ރާއްޖެއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެ ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކުރުމަށް ތައާރަފުކުރި އެވޯޑެކެވެ. މިއީ ކޮންމެ އަހަރަކުވެސް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއް ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

މި އަހަރުގެ ރަސްމިއްޔާތުގައި ތިން ދާއިރާއަކުން ޖުމްލަ 22 ފަރާތަކަށް އެވޯޑް ދީފައިވެއެވެ. އޭގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެއާލައިން އޮފް ދަ އިޔާ" ގެ އެވޯޑު ހާސިލުކުރީ އިއްތިހާދު އެއާވޭސްއެވެ. އަދި "ފްރެއިޓާ އޮފް ދަ އިޔާ" ލިބުނީ އެފްކޮމް ހޯލްޑިންގްސް އަށެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ތެރެއިން، ފަސިންޖަރުންގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއާލައިނަކަށް މަންތާ އެއާ ހޮވުނުއިރު، އެންމެ ގިނަ ފަސިންޖަރުން އުފުުލި އެއާލައިނަކަށް ހޮވުނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ.

ބައިނަލްއަގުވާމީ އެއާލައިންތަކުގެ ކެޓަގަރީން ތަފާތު ސަރަހައްދުތަކަށް ބަހާލައިގެން އެވޯޑް ދީފައިވާއިރު، މިޑިލް އީސްޓުން އެންމެ ގިނަ ފަސިންޖަރުން އުފުލައިގެން އެމިރޭޓްސް އަދި ޔޫރަޕުން ޓާކިޝް އެއާލައިންސް ވަނީ އެވޯޑް ހޯދާފައެވެ. މީގެ އިތުރުން ކާގޯ އޮޕަރޭޝަންތަކަށް ބަލާއިރު ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައި، އެވޯޑް ހާސިލުކޮށްފައެވެ. ލައުންޖް އަދި ޕާޓްނަރ އެވޯޑްތައް ޖަވަކަރަ އައިލެންޑް، ސޮނެވާ ރިސޯޓްސް އަދި އަވިއާ މޯލްޑިވްސް ފަދަ ފަރާތްތަކުން ވަނީ ހޯދާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، މިއީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި، މިއީ ކުންފުނީގެ ޕާޓްނަރުންނާ އެކު ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ. ކުންފުނީގެ ކުރިއެރުމަކީ ހަމައެކަނި އަދަދުތަކެއް ނޫންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އޮޕަރޭޝަނަލް އެކްސެލެންސް ނުވަތަ ހިންގުމުގެ މޮޅުކަމަކީ ކާމިޔާބީ މިންކުރާ މުހިއްމު މިންގަނޑެއް ކަމަށެވެ.

ޝަރީފްގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކަނޑައަޅާ ފަތުރުވެރިކަމާއި އިގުތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެއާލައިންތަކާއި ވީއައިއޭގެ ޕާޓްނަރުންގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން މި ގުޅުން އިތުރަށް ވަރުގަދަކޮށް، ގައުމުގެ އިގުތިސާދު ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.