ކުރީ ސަރުކާރުގެ ގޯތިތައް ވުޖޫދަށް ގެނެސް، ހަވާލުކުރުމަށް މިސަރުކާރުން ޚާއްސަ އިސްކަމެއް ދިން: މިނިސްޓަރު

ކުރީ ސަރުކާރުގެ ގޯތިތައް ވުޖޫދަށް ގެނެސް، ހަވާލުކުރުމަށް މިސަރުކާރުން ޚާއްސަ އިސްކަމެއް ދިން: މިނިސްޓަރު

Author
އައިޝަތު އަޙްމަދު
11 ފެބްރުއަރީ 2026 02:06
0

ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުތައް ހިއްކައި، އެ ތަންތަން ރައްޔިތުންނާ ހަވާލުކުރުމަށް މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ވެރިކަން ފެށުނުއިރު ގޯތި ދޫކޮށްފައި ހުރީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ގުޅީފަޅުން ކޮންމެވެސް މިންވަރަކަށެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ގުޅީފަޅުގެ ބާކީ ބަޔާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިންމާފައެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭރު ވުޖޫދުގައި ނެތް ތަންތަން ކަމުގައި ވިޔަސް، އެ ބިންތައް ހިއްކައިގެން ރައްޔިތުންނަށް ހަވާލުކުރުމަށް ސަރުކާރުން މަސައްކަތްކުރީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

މިހާރު އެ ހުރިހާ ސަރަހައްދަކުންވެސް ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، ރަޖިސްޓްރީ ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ފްލެޓް މަޝްރޫޢަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމިފައިވަނީ ގާތްގަނޑަކަށް 30 އިންސައްތައަށް ކަމަށެވެ. އަދި އަސްލު މަޝްރޫޢުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތް ހިމެނިފައި ނެތް ނަމަވެސް، މި ސަރުކާރުން އެ މަސައްކަތްތައްވެސް ފުރިހަމަކޮށް، ފްލެޓްތައް އެއްކޮށް ނިންމައި ހަވާލުކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 3800 އަށްވުރެ ގިނަ ފަރާތާއެކު އެއްބަސްވުން ހަދައި، 3700 އަށްވުރެ ގިނަ ފަރާތަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.