ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމަށް "ވެލާނާ އެވޯޑްސް" ތަޢާރަފުކޮށްފި

ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމަށް "ވެލާނާ އެވޯޑްސް" ތަޢާރަފުކޮށްފި

Author
އަހުމަދު
08 ފެބްރުއަރީ 2026 08:41
0

ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ޚިދުމަތްދޭ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި އަލަށް އެވޯޑެއް ތަޢާރަފުކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑުގެ މައިގަނޑު މަޤްޞަދަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕާޓްނަރުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމެވެ. އަދި މީގެ އިތުރުން، ރާއްޖެއަކީ ފަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރުއެޅުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަކީވެސް މި އެވޯޑު ދިނުމުގެ މުހިންމު ބޭނުމެއް ކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.

މި އަހަރު ބާއްވާ އެވޯޑު ހަފްލާގައި މައިގަނޑު ތިން ދާއިރާއަކުން ޖުމްލަ 22 އެވޯޑެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެވޯޑު ދެވޭ ކެޓަގަރީތަކުގެ ތެރޭގައި ފަސެންޖަރ، ކާގޯ އަދި ލައުންޖް ޚިދުމަތްތައް ހިމެނޭއިރު، މުޅި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއަރލައިނަށް ދޭ ޚާއްސަ އެވޯޑެއްވެސް ދިނުމަށް ވަނީ ނިންމާފައެވެ. މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.