ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މި ހަފުތާގެ ތެރޭގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދުގެ ސަބް ބޭސް މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި އޭބީސީ ލޭޔަރ އެޅުމާއި ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، މަގުގައި ހަރުކުރަންޖެހޭ ނިޝާންތަކާއި އެ ސަރަހައްދުގައި ކުރިއަށްގެންދާ އެހެނިހެން މަސައްކަތްތައްވެސް މި ހަފުތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށެނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށްވާއިރު، މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މަގުގެ މަސައްކަތް ނިންމުމަށެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މަސްމާރުކޭޓުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި، ހަތަރު ލޭނަށް މަގު ފުޅާކޮށް މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ އޭގެ ޖެހިގެން އައި ދުވަހު، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 455 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއަކީ ބާޒާރުމަތީގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ހަތަރު ލޭނަށް މަގު ފުޅާވެގެން ދިއުމުން، ކާރޫބާރޫ ބޮޑު މި ސަރަހައްދުގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބި، އުޅަނދު ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ފަސޭހަވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ