ހއ. ދިއްދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ހިނގަމުންދަނީ ވަރަށް ހަލުވި މިނެއްގައެވެ.
ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ފެށި މި މަޝްރޫޢުގެ ދަށުން ދިއްދޫ ފަޅުން ޖުމްލަ 112 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލްއިން ހާމަކުރާ ގޮތުގައި މިހާތަނަށް ހިއްކާ ނިމުނު 78 ހެކްޓަރާއެކު، މުޅި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ބިޔަ ޑްރެޖަރެއް ކަމުގައިވާ "ލެއިވް އެރިކްޝަން" ބޭނުންކޮށްގެންނެވެ. މިއީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރެކެވެ.
ދިއްދޫއަކީ ރަޖިސްޓްރީވެފައިވާ އާބާދީގައި 5000 މީހުން ތިބި ނަމަވެސް، ތަޢުލީމާއި ޞިއްޙީ ބޭނުންތަކަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު 7000 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އެހެންކަމުން މި މަޝްރޫޢަކީ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށް، އެއަރޕޯޓެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.
މި މަޝްރޫޢު ނިމި އެއަރޕޯޓް ތަރައްޤީވުމުން، ދިއްދޫގެ އިތުރުން މުޅި ސަރަޙައްދުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޚާއްޞަކޮށް އެ އަތޮޅުގެ ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމު ފަދަ ރަށްތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ހއ. އަތޮޅުގައި މިވަގުތު އޮޕަރޭޓް ކުރަމުންދަނީ ހަމައެކަނި ހޯރަފުށީ އެއަރޕޯޓެވެ.
ކޮމެންޓު ފޮނުވާ