ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި) ގެ މައްޗަށް ހިނގާ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމާ ދެކޮޅަށް ދިވެހިރާއްޖެއިން ހުށަހެޅި ކަންބޮޑުވުންތަކަށް ރައްދު ދެއްވައި، އެއީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް އިނގިރޭސި ސަރުކާރުން ބުނެފިއެވެ.
ތުރުކީގެ "އަނަޑޯލޫ" އޭޖެންސީން ކުރި ސުވާލަކަށް ޖަވާބު ދެމުން އިނގިރޭސި ފޮރިން އޮފީހުން ހުކުރު ދުވަހު ބުނެފައިވާކަމަށް އެނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޗާގޯސްގެ ސިޔާދަތީ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްކަން ބައިނަލްއަގުވާމީ ކޯޓުތަކާއި މުއައްސަސާތަކުން ސާފުކޮށްދީފައިވާ ކަމަށެވެ.
ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުން ބަލައިނުގަންނަކަން ހާމަކޮށް، 8 ނޮވެމްބަރު 2024 އާއި 18 ޖަނަވަރީ 2026 ގައި ރަސްމީކޮށް އިއުތިރާޒު ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިނގިރޭސިވިލާތުން ބުނަނީ ޑިއޭގޯ ގާސިއާގައިވާ އަސްކަރީ މަރުކަޒުގެ ސަލާމަތަށް ނުރައްކާނުވާނެހެން ވަރުގަދަ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ.
**އިޓްލޮސްގެ ނިންމުމާއި ކަނޑުގެ ސަރަހައްދުގެ މައްސަލަ**
ރާއްޖެއިން މިކަމާ ދެކޮޅު ހަދަމުންދަނީ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސް އިން ނިންމި ނިންމުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.
އިޓްލޮސްގެ މައި އޮފީހުގައި 28 އޭޕްރީލް 2024 ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ. މި ހުކުމާއެކު ދެ ގައުމުގެ ދެމެދުގައި ފުށުއަރާ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ބެހިގެން ދިޔަގޮތަކީ:
* **ދިވެހިރާއްޖެއަށް:** 47،232 އަކަ ކިލޯމީޓަރު
* **މޮރިޝަސްއަށް:** 45،331 އަކަ ކިލޯމީޓަރު
މިގޮތަށް ނިމުނު ނަމަވެސް، ރާއްޖޭގެ މިހާރުގެ ސަރުކާރުން ދެކޭ ގޮތުގައި މި ހުކުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ވަނީ ގެއްލިފައެވެ.
**ގެއްލުނު ކަނޑު ހޯދުމުގެ މަސައްކަތް**
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި "ގެއްލުނު ކަނޑުގެ ބައި" ހޯދުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށިއެވެ. މިކަމަށް ޚާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދި ނަމަވެސް، އިޓްލޮސްއަށް މައްސަލަ ހުށަހެޅުން ވަނީ ދިގުލައިގެން ގޮސްފައެވެ.
މި ހާލަތުގައި، މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިއްވެވި ރިޔާސީ ބަޔާނަށްފަހު، ސަލާމަތީ ބާރުތަކަށް ވަނީ ދެކުނުގެ ކަނޑުގެ ސަރަހައްދު ކުރިއެކޭ އެއްގޮތަށް ބެލެހެއްޓުމަށް އަންގަވާފައެވެ. އަދި ދިވެހި ސިފައިން ވަނީ އެގޮތުގެ މަތިން އެ ސަރަހައްދު ބަލަހައްޓަމުންދާކަން ހާމަކޮށްފައެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުން އަދި ތަސްދީގުކޮށްފައި ނުވާއިރު، މި އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު 99 އަހަރަށް ހިންގުމުގެ ބާރު އެމެރިކާއާއި އިނގިރޭސިވިލާތަށް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ