އިންޑިއާގެ ފިލްމީ ލެޖެންޑް ދަރުމެންދްރަގެ ހަނދާނުގައި ޕަދުމާ ވިބޫޝަންގެ ޝަރަފު އަރުވަނީ

އިންޑިއާގެ ފިލްމީ ލެޖެންޑް ދަރުމެންދްރަގެ ހަނދާނުގައި ޕަދުމާ ވިބޫޝަންގެ ޝަރަފު އަރުވަނީ

Author
ޙަސަން މުޙައްމަދު
26 ޖެނުއަރީ 2026 09:54
0

 

ހިންދީ ސިނަމާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށް، އާއްމުންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވަަނިކޮށް މިދިޔަ އަހަރު ދުނިޔެ ދޫކޮށްފައިވާ އިންޑިއާގެ ފިލްމީ އައިކަން ދަރުމެންދްރަ (ދަރޭ) އަށް، އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފެއް ކަމަށްވާ ޕަދުމާ ވިބޫޝަން އެވޯޑު އަރުވަން ނިންމައިފިއެވެ. އިންޑިއާގެ ސަރުކާރުން ދޭ އެކި ފަންތީގެ ޝަރަފުތަކުގެ ތެރެއިން ދަރޭއަށް އެރުވުމަށް ހަމަޖެހިފައިވަނީ، ދެވަނައަށް އެންމެ މަތީ ޝަރަފު ކަމަށްވާ ޕަދުމާ ވިބޫޝަން އެވޯޑެވެ.

މި ޝަރަފު ދަރޭއަށް އެރުވުމަށް ނިންމާފައިވަނީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ފިލްމީ ދާއިރާ ކުރިއެރުވުމަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ފިލްމު އިންޑަސްޓްރީގެ "ހީ-މޭން" ގެ ލަގަބު ހޯދާފައިވާ ދަރޭގެ އިތުރުން، އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތްކޮށްފައިވާ އިތުރު ހަތަރު ފަރާތަކަށްވެސް މި ކެޓަގަރީން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑުތައް ހަވާލުކުރުން އޮންނާނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އަހަރުގެ ޕަދުމާ އެވޯޑު ލިބޭ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވާނީ އިންޑިއާގެ ރައީސް ދުރޯޕަތީ މުރްމުރްއެވެ. މި މުނާސަބަތާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އެވޯޑު ލިބޭ ފަރާތްތަކަށް މަރުހަބާ ވިދާޅުވެ މެސެޖެއް ދެއްވާފައެވެ. ބޮޑުވަޒީރުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ޝަރަފު ލިބޭ ފަރާތްތަކުން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ އަންނަން އޮތް ޖީލުތަކުންވެސް އެ ޚިދުމަތްތަކުގެ ހަނދާން އާކުރާނެ ފަދަ މުހިންމު މަސައްކަތްތަކެކެވެ.

އިންޑިއާގެ އިތުރުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފޭނުންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ދަރޭ ނިޔާވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ނިޔާވިއިރު ދުނިޔޭގައި ހަގު އަނބިމީހާ އަދި ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ އާއި ދަރިން އެބަތިއްބެވެ. ދަރޭ ނިޔާވުމަށްފަހު އޭނާއަށް މި ޝަރަފު އެރުވުމަކީ، އޭނާގެ ފަންނުވެރިކަމަށް އިންޑިއާ ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.