ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން، ދިވެހި ބަހާ، ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ޚާއްސަ ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި އެކަން އިއުލާނުކޮށްފިއެވެ. މި މުބާރާތަކީ ދިވެހި ކެއުންތަކާއި ސަގާފީ ރަހަތައް ދިރުވުމުގެ މަގުސަދުގައި އެ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ ވުޒާރާއިން ވަނީ މިކަމަށް ޚާއްސަ ޕޯޓަލެއް ވެސް ތައާރަފުކޮށްފައެވެ. މުބާރާތަށް ހުށަހަޅާ ތަކެތީގެ އިންސާފުކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނެ ނުވަތަ ތައްޔާރުކުރެވޭނެ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ ލިސްޓެއް ވެސް އެ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ހަވާދާއި، އަސާރަ ނުވަތަ މުރުއްބާގެ ބާވަތްތަކާއި، ދިވެހި ހެދިކާ ހިމެނެއެވެ. މީގެ އިތުރުން ކެއްކި ފަނި ނުވަތަ ކަނދި، އަދި ސަޓަނި، މަސްހުނި ނުވަތަ ބޮނޑިބަތް ފަދަ ދިވެހިވަންތަ ބާވަތްތައް ހިމަނާފައިވެއެވެ.
މި ކެއްކުމުގެ މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެ ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ ނަންބަރު 7699595 އަށް ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިލައްވާފައެވެ.
ކޮމެންޓު ފޮނުވާ