ކުދިން އޮންލައިންކޮށް ބަލާ ތަކެއްޗާއި ކުރާ ކަންކަން މައިންބަފައިންނަށް ކޮންޓްރޯލް ކުރެވޭނެ ގޮތް ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ބެލެނިވެރިންނަށް އެމީހުންގެ ކުދިން އޮންލައިންކޮށް ޗެޓްކުރުމުގައި މާގިނަ ވަގުތު ހޭދަނުކުރާކަން ކަށަވަރު ކުރުމަކީވެސް މުހިންމު ކަމެކެވެ. ވަޓްސްއެޕްގެ ދެން އަންނަ އަޕްޑޭޓަކުން ކުދިންގެ އެކައުންޓްތަކަށް ޕްރައިވެސީ ނުވަތަ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
**ވަޓްސްއެޕްގެ ސެކަންޑަރީ އެކައުންޓްތައް**
ޑަބްލިއު.އޭ.ބީޓާއިންފޯ (WABetaInfo) އިން ހާމަކޮށްފައިވާ ގޮތުގައި، މައިންބަފައިންނަށް "ސެކަންޑަރީ އެކައުންޓް" ލިންކް ކުރެވޭނެ ފީޗަރއެއް ވަޓްސްއެޕުން ދަނީ ތަރައްޤީ ކުރަމުންނެވެ. މި ސެކަންޑަރީ އެކައުންޓްތަކުގައި ބައެއް ކަންކަން ހުންނާނީ ލިމިޓްކޮށްފައެވެ. ނުވަތަ ޕްރޮފައިލްއާއި މުޢާމަލާތް ކުރުމުގެ ބައެއް ފީޗަރތަކަށް ހުރަސްތަކެއް ހުންނާނެއެވެ. މީގެ އިތުރުން، މި ސެކަންޑަރީ އެކައުންޓްތަކުގައި ކުރާ މެސެޖުތަކާއި ކޯލްތައް ސީދާ މައިންބަފައިންނަށް ނުފެންނާނެއެވެ. މިއީ ކުދިންނަށްވެސް ކޮންމެވެސް ވަރެއްގެ ޕްރައިވެސީއެއް ދިނުމުގެ ގޮތުންނެވެ.
އެހެންނަމަވެސް، ސެކަންޑަރީ އެކައުންޓްގެ ޕްރައިވެސީ ސެޓިންގްސް ރިވިއުކޮށް ބަދަލުކުރުމުގެ ފުރުޞަތު މައިންބަފައިންނަށް ލިބިގެންދާނެއެވެ. މިއީ ކުޑަކުދިންނަށް ނޭނގިދާނެ ކަންކަމަށްވުމުން، ބޮޑެތި މީހުންގެ ކޮންޓްރޯލް އޮތުން މުހިންމެވެ. މީގެ އިތުރުން، މި ސެކަންޑަރީ އެކައުންޓްތަކަށް ޑިފޯލްޓްކޮށް މެސެޖު ލިބޭނީ ހަމައެކަނި ފޯނުގައި ސޭވްކޮށްފައިވާ ކޮންޓެކްޓްތަކުންނެވެ. މީގެ ސަބަބުން ނުދަންނަ މީހުންގެ ފަރާތުން އަންނަ މެސެޖުތަކުން ކުދިން ރައްކާތެރިކޮށްދޭނެއެވެ. އަދި ހަމަ އެއާއެކު މެސެޖުތައް ހުންނާނީ "އެންޑް-ޓު-އެންޑް އެންކްރިޕްޝަން" އިން ރައްކާތެރި ކުރެވިފައެވެ.
**ކުރިއަށް އޮތް އެހެނިހެން ފީޗަރތައް**
މައިންބަފައިން ކޮންޓްރޯލްކުރާ ސެކަންޑަރީ އެކައުންޓްތަކުގެ އިތުރުން، ވަޓްސްއެޕުން ދަނީ އިތުރު އައު ފީޗަރތަކެއްވެސް ތައްޔާރުކުރަމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކޮށްގެން ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމެވެ. މިއީ ޕްރައިވެސީ އިތުރުކުރުމަށް އެޅޭ ފިޔަވަޅެކެވެ. ސަބަބަކީ މީގެ ސަބަބުން ފޯނު ނަންބަރު ހާމަނުކޮށް ވަޓްސްއެޕް ބޭނުންކުރެވޭނެތީއެވެ. ނަމަވެސް، ދެފަރާތުންވެސް އެކަކު އަނެކަކުގެ ނަންބަރު ސޭވްކޮށްފިނަމަ ނަންބަރު ފެންނާނެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ފީޗަރތަކުގެ ތެރޭގައި ޕްރޮފައިލްއަށް ކަވަރ ފޮޓޯލުމާއި، ގްރޫޕް ޗެޓް ހިސްޓްރީ ޝެއަރކުރުމާއި، އަދި ޑިސަޕިއަރިންގ މެސެޖް (އަމިއްލައަށް ފޮހެވޭ މެސެޖު) ގެ ވަގުތު ކުރުކުރުން ހިމެނެއެވެ. މި ފީޗަރތައް ނެރޭނެ ސީދާ ތާރީޚެއް އަދި ކަށަވަރުވެފައި ނެތް ނަމަވެސް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ކޮމެންޓު ފޮނުވާ