އެމްޑީޕީގެ ޓިކެޓުގައި ހުރިހާ ސިޓީއަކަށް ވެސް ވާދަކުރައްވާނީ މިހާރުގެ މޭޔަރުން

އެމްޑީޕީގެ ޓިކެޓުގައި ހުރިހާ ސިޓީއަކަށް ވެސް ވާދަކުރައްވާނީ މިހާރުގެ މޭޔަރުން

Author
އަހުމަދު
17 ޖެނުއަރީ 2026 11:08
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހުރިހާ ސިޓީއަކަށްވެސް ނެރޭނީ މިހާރުވެސް ހިދުމަތުގައި ތިއްބެވި މޭޔަރުންކަން ކަށަވަރު ވެއްޖެއެވެ.

މިކަން ކަށަވަރުވެގެން ދިޔައީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މިހާރުވެސް އެ މަގާމުގައި ހުންނެވި ސައުދު އަލީ ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އިއްޔެ ބޭއްވި މި އިންތިހާބުގައި ސައުދުއާ ވާދަކުރެއްވީ ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރިން ދެ ދައުރެއްގައި ފުރުއްވާފައިވާ އަހުމަދު ނަސީރު އެވެ.

އެ ރަށުގެ އެމްޑީޕީގެ ބައެއް މެންބަރުން މައުލޫމާތު ދިން ގޮތުގައި އިންތިހާބު ސައުދު ކާމިޔާބު ކުރެއްވީ 462 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ނަސީރަށް ލިބިވަޑައިގެންފައިވަނީ 417 ވޯޓެވެ. މި ނަތީޖާއާއެކު، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވާނީ މިހާރު ވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަން މިވަނީ ކަށަވަރުވެފައެވެ.

މާލެ ސިޓީ އާއި ތިނަދޫ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީތަކެއްގެ މޭޔަރުންނަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވީ އިތުރު ބޭފުޅަކު ޕްރައިމަރީގައި ވާދަކުރައްވާފައި ނުވާތީއެވެ. އަދި އިއްޔެ ބޭއްވި މާލޭ ސިޓީގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވެސް މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.