ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް އެކުލަވާލެއްވި "ބޯޑް އޮފް ޕީސް" އަށް ޓޯނީ ބްލެއާ އައްޔަނުކޮށްފި

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް އެކުލަވާލެއްވި "ބޯޑް އޮފް ޕީސް" އަށް ޓޯނީ ބްލެއާ އައްޔަނުކޮށްފި

Author
ހުސައިން
17 ޖެނުއަރީ 2026 10:59
0

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލެއްވި 20 ނުކުތާގެ ޕްލޭން ތަންފީޒުކުރުމަށް އުފެއްދެވި "ބޯޑް އޮފް ޕީސް" އަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އައްޔަނުކުރައްވައިފިއެވެ.

ވައިޓް ހައުސްއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، މި ބޯޑުގެ ފައުންޑިންގ އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ބްލެއާގެ އިތުރުން ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި މެދުއިރުމައްތިއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން މި ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ މާކް ރޯވަންއާއި، ވޯލްޑް ބޭންކު ގްރޫޕްގެ ރައީސް އަޖޭ ބަންގާ އަދި އެމެރިކާގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް ގެބްރިއެލްއެވެ.

ވައިޓް ހައުސްއިން ބުނި ގޮތުގައި މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ޣައްޒާ ހަމަޖެއްސުމާއި ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ މުހިންމު ކަންތައްތައް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ވެރިކަން ހިންގުމުގެ ޤާބިލުކަން އިތުރުކުރުމާއި، ސަރަހައްދީ ގުޅުންތަކާއި، އަލުން އާރާސްތުކުރުމާއި، އިންވެސްޓްމަންޓްތައް ގެނައުމާއި އަދި ބޭނުންވާ މާލީ އެހީތެރިކަން ހޯދުން ހިމެނެއެވެ.

މި އިއުލާނުގައިވާ ގޮތުން، ޣައްޒާގެ ކަންކަމާބެހޭ "ހައި ރެޕްރެޒެންޓޭޓިވް" އެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އދ. ގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބަލްގޭރިއާގެ ޑިޕްލޮމެޓް ނިކޮލައި މްލަޑެނޯވްއެވެ.

މީގެ އިތުރުން، ޣައްޒާގެ ވެރިކަން ހިންގުމާއި ޚިދުމަތްތައް ދިނުމަށް އެހީތެރިވުމަށް "ޣައްޒާ އެގްޒެކެޓިވް ބޯޑު" ގެ ނަމުގައި އިތުރު ބޯޑެއް ވެސް ވަނީ އެކުލަވާލާފައެވެ. މި ބޯޑުގައި ބްލެއާ، ކުޝްނަރ އަދި ވިޓްކޮފްގެ އިތުރުން ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާންއާއި ޤަަތަރުގެ ޑިޕްލޮމެޓް އަލީ އަލް ޛަވާދީ ހިމެނިވަޑައިގަންނަވައެވެ.

ހަމައެއާއެކު، ޣައްޒާގައި ހަރަކާތްތެރިވާނެ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސްގެ ކޮމާންޑަރަކަށް އެމެރިކާގެ މޭޖަރ ޖެނެރަލް ޖެސްޕަރ ޖެފާސް ހަމަޖައްސަވާފައިވާ ކަމަށްވެސް ވައިޓް ހައުސްއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.