މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަކޮށްފައިވަނީ ޙަސަން ލަބީބަށް، ރަސްމީ ހަރަކާތްތައް އައްޑޫ ސިޓީގައި

މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަކޮށްފައިވަނީ ޙަސަން ލަބީބަށް، ރަސްމީ ހަރަކާތްތައް އައްޑޫ ސިޓީގައި

Author
ހުސެއިން
15 ޖެނުއަރީ 2026 02:51
0

މިއަދަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ 38 ވަނަ ޅެންވެރިންގެ ދުވަހެވެ. ދިވެހިބަހުގެ އެކެޑަމީން ހާމަކުރައްވާފައިވާ ގޮތުގައި، މިއަހަރުގެ ޅެންވެރިންގެ ދުވަސް ތަޚްޞީޞްކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ އަލްފާޟިލް ޙަސަން ލަބީބަށެވެ.

ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހުގެ 15 ވަނަ ދުވަހަކީ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ފާހަގަކުރަމުން އަންނަ ދުވަހެވެ. 1989 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ މި ދުވަހަކީ، ދިވެހި ޅެންވެރިކަމުގެ ޝާޢިރުއްޝަބާބް، އަލްއުސްތާޛު އަލްމަރުޙޫމު އިބްރާހީމް ޝިހާބުގެ ޚިދުމަތުގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިއަހަރުގެ ދުވަސް އެބޭފުޅަކަށް ޚާއްޞަކުރެވިފައިވާ އަލްފާޟިލް ޙަސަން ލަބީބު ހައްދަވާފައިވާ މަޝްހޫރު ޤައުމީ ލަވަ "ދިވެހިންގެ އަޒުމް" އިން ނަގާފައިވާ ޢިބާރާތެކެވެ. އެގޮތުން މިއަހަރުގެ ޝިޢާރަކީ "މަރުދޭށެވީ ޤައުމާ ވަޠަނާ ދީނަށް" މިއެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޅެންވެރިން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، ޅެންވެރިކަމަށް ޢާންމުން ހޭލުންތެރިކުރުވައި، އަދަބިއްޔާތަށް ލޯބި ޖެއްސުމެވެ.

**ހަރަކާތްތައް އޮންނާނީ އައްޑޫ ސިޓީގައި**

މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތު ދެއްވާ ގޮތުގައި މި ހަރަކާތްތައް އޮންނާނީ އަންނަ ފެބުރުވަރީ މަހުގެ 12 އިން 14 އަށެވެ.

މި މުއްދަތުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލާއި، ސްކޫލްތަކާއި، އޮފީސްތަކުގެ އިތުރުން ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

**ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއް**

ޅެންވެރިންގެ ދުވަހާ ގުޅުވައިގެން "ސަމާސާ އަދަބުގެ ޅެންހެދުމުގެ މުބާރާތެއް" ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޅެން ހުށަހެޅުމުގެ ސުންގަޑިއަކީ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.