މޯލްޑިވް ގޭހުން ގޭސް ޝިޕްމަންޓެއް ގެނައުމަށްޓަކައި ދުބާއީގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފިއެވެ. މި މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެނެސް، ބަލައިދިނުމަށް އެދިވަޑައިގެން ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރެވެ.
މެންބަރު ޝާކިރު ކޮމިޓީއަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ދެއްކި 246،545 ޑޮލަރު (ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާ) އަށް ވީގޮތެއް ނޭނގި ގެއްލިފައިވާކަމީ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ގުޅޭގޮތުން އުފެދިފައިވާ ނުހަނު ސީރިއަސް ކަންބޮޑުވުމެކެވެ. އެހެންކަމުން، އެ ފައިސާއަށް ވީގޮތެއް ސާފުވެފައި ނުވާތީ، އެކަން ހިނގައިދިޔަ ގޮތް ތަހުގީގުކޮށްދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
މާލީ މައްސަލައިގެ އިތުރުން، މޯލްޑިވްސް ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްވެސް ބަލައިދިނުމަށް ޝާކިރުގެ ސިޓީގައި ހިމަނުއްވާފައިވެއެވެ. މިގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދަށް އިންޒާރުދޭ ފަދަ މޭރުމަކުން އެމްޑީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައިވާކަން ފާހަގަކޮށް، އެކަން ވެސް ތަހުގީގުކުރުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ