ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފުޅާވެ، ޑިސެމްބަރު މަހު އެކަނިވެސް 300 އަށްވުރެ ގިނަ ޓަނުގެ މުދާ ބޭރުކޮށްފި

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފުޅާވެ، ޑިސެމްބަރު މަހު އެކަނިވެސް 300 އަށްވުރެ ގިނަ ޓަނުގެ މުދާ ބޭރުކޮށްފި

Author
ހުސައިން
11 ޖެނުއަރީ 2026 07:01
0

ރާއްޖޭގައި އަލަށް ފަށައިގެން ކުރިއަށްގެންދާ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ދުވަހެއް ދުވަހަކަށް ފުޅާވަމުން އަންނައިރު، ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މި ޚިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރަށް 329 ޓަނުގެ މުދާ ފޮނުވާފައިވާ ކަމަށް ދައްކައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، މިދިޔަ މަހު ރާއްޖެ މަގުން ދުނިޔޭގެ 20 ގައުމަކަށް މުދާ ސަޕްލައިކޮށްދީފައިވެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ތަޢާރަފުކުރެވުނު މި ޚިދުމަތަކީ، ކަނޑު މަގުން ރާއްޖެއަށް ގެންނަ މުދާ، ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ހައިބްރިޑް މޮޑެލްގެ ޚިދުމަތެކެވެ. އެމްޕީއެލް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ފޯރުކޮށްދޭ މި ޚިދުމަތުގެ ސަބަބުން، މުދާ އުފުލުމުގެ ނިޒާމަށް އަވަސްކަމާއި ފަސޭހަކަން ލިބިފައިވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދަށް އާ ރޯދިބަރަކާތެއް ގެނުވައިދިން ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ތަފާސްހިސާބުތަކަށް ބަލާލާއިރު، ޑިސެމްބަރު މަހު އެކަނިވެސް 66 ޓީއީޔޫސްގެ މުދާ ވަނީ ބޭރުކޮށްފައެވެ. މި މުދާ އުފުލުމުގައި 17 އަށްވުރެ ގިނަ އެއަރލައިން ބައިވެރިވެފައިވާއިރު، ހަމައެކަނި ޑިސެމްބަރު މަހުވެސް 10 އެއަރލައިނަކުން ހަރަކާތްތެރިވެފައިވެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު އެއަރލައިންތައް ކަމަށްވާ އެމިރޭޓްސް، ގަތަރު އެއަރވޭސް، ޓާކިޝް އެއަރލައިން، ލުފްތަންސާ އަދި އިއްދިހާދު އެއަރވޭސް ފަދަ އެއަރލައިންތައް ހިމެނެއެވެ. މީގެ އިތުރުން ވާޖިން އެޓްލާންޓިކް، އަޒަރުބައިޖާން އެއަރލައިން، ސައުދިއާ، ސްވިސް އެއަރލައިން އަދި އައިޓީއޭ އެއަރވޭސް މެދުވެރިކޮށްވެސް ވަނީ މުދާ ބޭރުކޮށްފައެވެ.

މި ޚިދުމަތް ފެށިތާ މާގިނަ ދުވަސްތަކެއް ނުވިނަމަވެސް، ސީ-ޓު-އެއަރ ކާގޯގެ ސިނާޢަތުން ރާއްޖޭގެ އިޤްތިޞާދަށް މިހާތަނަށް އެތައް މިލިއަން ޑޮލަރެއް ވަދެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާވެ، ރާއްޖެއަކީ ސަރަޙައްދީ ކާގޯ ހަބަކަށް ވެގެންދާނެކަމުގެ އުއްމީދު ބޮޑުކަމަށް ކަމާބެހޭ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.