މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މިހާތަނަށް 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފެށި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ދުވާރު ހެދުމާއި، ފެން ހޮޅި އެޅުމުގެ އިތުރުން މަގު ފުޅާކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތެވެ. މިގޮތުން ފެން ހޮޅި އެޅުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ. މި މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުމުން، އެ ސަރަޙައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހި، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށްދާ މި މަސައްކަތް، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އެއްކޮށް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލުމަކީ އެމްޓީސީސީގެ އަމާޒެވެ. މިއީ މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް، މުދާ އުފުލުމާއި ދަތުރުފަތުރަށް ލުއި ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ