އެމްޑީޕީގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ދީނީ އިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއްގެ ގޮތުގައި ސިފަކުރެއްވި މައްސަލައިގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އިލްމުވެރިންގެ ގުޅުމުން ފުލުހަށް ހުށަހަޅައިފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮތް ޖަލްސާގައި ޖުވާ ކުޅުމާ ގުޅޭ ބިލުގެ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ސިޔާސީ ގޮތުން ނުކުންނަ އިލްމުވެރިންނަކީ "މުސީބާތެއް" ކަމަށާއި އެބޭފުޅުން އަމިއްލަ މަންފާއަށް ދީނީ ނައްސުތައް ބަދަލުކުރާ ކަމަށެވެ. އަދި އެމްޑީޕީ މެންބަރުންނަކީ ހަރާމް ކަންކަން ކުރާ ބައެއް ކަމަށް ބުނާނަމަ، އެފަދަ އިލްމުވެރިންނަކީ އަމިއްލައަށް މުރުތައްދުވެފައިވާ ބައެއް ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫސަގެ އެ ވާހަކަތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނާއި ޤާނޫނުލްއުޤޫބާތުގެ ދަށުން ކުށެއް ކަމަށްވާ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި "ތަކްފީރުކުރުމުގެ" ނުރައްކާތެރި އަމަލެއް ކަމަށެވެ. މިއީ ޑރ. އަފްރާޝީމް އަލީ ފަދަ އިލްމުވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ، އަދި މުޖުތަމައުގައި ނަފްރަތު އުފެއްދުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.
އެހެންކަމުން، ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ވާހަކަދެއްކެވި މައްސަލައިގައި މޫސައާއި، އެ ޖަލްސާ ލައިވްކުރި މީޑިއާ ޗެނަލްގެ ޒިންމާދާރު ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެ ޖަމިއްޔާއިން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ.
ކޮމެންޓު ފޮނުވާ