ތިލަދުންމަތީ އުތުރުބުރީ ދިއްދޫއަށް އެއާޕޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މަސައްކަތް ފައްޓަވާ ދެއްވީ މާލީ ވަޒީރު ވަޒީރު މޫސާ ޒަމީރުއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން ދިއްދޫއަށް 115 ހެކްޓަރުގެ ބިން އިތުރުވާނެއެވެ. މި މަސައްކަތަށް 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ދިއްދޫއަށް ގެންގޮސްފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ދިއްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، މިއަހަރު ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށި، ޝޯ ޕްރޮޓެކްޝަނާއި ރަންވޭ އަދި ޢިމާރާތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިމައިދޭނެކަމަށެވެ. މި މަޝްރޫޢަކީ ދިއްދޫއާއި މުޅި އަތޮޅުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢު ނިމުމުން ދިއްދޫގެ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި، ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށްވެސް ޙައްލު ލިބިގެންދާނެއެވެ. މި މަސައްކަތް ނިމުމާއެކު މިހާރު އޮތް ދިއްދޫ ދެގުނަ ބޮޑުވެގެންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ