ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ހުށަހެޅި ގާނޫނުއަސާސީ އިސްލާހަށް އެމްޑީޕީން ތާއީދެއް ނުކުރާކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި މި ބިލުގެ ބޭނުމަކީ ވިހި ވަނަ މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށް ބޭއްވުމާއި، އާ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހަށް ބަދަލުކުރުމެވެ.
ގަފޫރު ތުހުމަތު ކުރެއްވީ މިކަން ކުރަން ސަރުކާރުން އުޅެނީ ވެރިކަމުގެ ދައުރު 10 އަހަރަށް ހެދުމުގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިންކަމަށެވެ. ސަރުކާރުގެ މީޑިއާތަކާއި ޕީއެންސީގެ މީޑިއާތަކުން ވެރިކަން 10 އަހަރަށް ދަންމާލުމުގެ ވާހަކަ ތަކުރާރުކޮށް ދައްކާކަން އޭނާ ފާހަގަކުރެއްވިއެވެ. ރަނގަޅު ދިރާސާއެއް ނުކޮށް އަވަސްއަރުވާލައިގެން މިކަން ކުރަން އުޅޭތީ ދެކޮޅު ހަދާކަމަށާއި، އެމްއެންޔޫ މެދުވެރިކޮށް މިކަމަށް ރަނގަޅު ދިރާސާއެއް ހަދާށްކަމަށް ގަފޫރު ގޮވާލެއްވިއެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި، އެކަމަށް ރައްޔިތުންގެ ވޯޓެއް ނަންގަވާނެ ކަމަށެވެ. ނަމަވެސް ގަފޫރު ވިދާޅުވީ ހަރަދު ކުޑަކުރަން ބުނަމުން އަދިވެސް މުވައްޒަފުން ނަގަމުން ދާކަމަށެވެ. މިސާލަކަށް އަތޮޅު ކައުންސިލްތައް އުވައިލުމަށްފަހު ސިޓީސް މިނިސްޓްރީން 500 މުވައްޒަފުން ނަގަން އިއުލާން ކޮށްފައިވާކަން ފާހަގަކުރައްވާ، އެއީ އަހަރަކު 72 މިލިއަން ރުފިޔާ ހަރަދުވާނެ ކަމެއްކަމަށް ގަފޫރު ވިދާޅުވިއެވެ. މުވައްޒަފުންގެ މުސާރައަށް ހިނގާ ހަރަދު 11 ބިލިއަނުން 17 ބިލިއަނަށް އަރައިފައިވާކަން ފާހަގަކުރައްވައި، ސަރުކާރަށް ގަފޫރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ