މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، 2026 ވަނަ އަހަރަކީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގައި ކުރިއެރުންތަކާއި ކާމިޔާބީތައް ހާސިލުކުރާނޭ އަހަރަކަށް ވާނެކަމުގައެވެ.
އެމަނިކުފާނު ވަނީ ދިވެހިންނަކީ ހަރުދަނާ އަމާޒުތަކެއް ކަނޑައަޅައިގެން، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުކުރުމަށް މަސައްކަތްކުރާ ބައެއްކަން ފާހަގަކުރައްވާފައެވެ. ގައުމުގެ ތަރައްގީއަށްޓަކައި ކޮންމެ އަހަރަކުވެސް ބިނާތައް ވަރުގަދަކުރުމަށް ދިވެހީން ހިންމަތްކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި އަހަރު ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުމުން، މިއީ މި ޖީލުގެ ދިވެހީންނަށް ލިބޭ ހާއްސަ ތާރީޚީ ފުރުސަތަކަށްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަފާތެރި، ޤާބިލު ދަރީންތަކެއް ބިނާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ރާއްޖެ ގެނައުމަކީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކޮންމެ އައު އަހަރަކީވެސް ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުން ގައުމަށް ކޮށްދެވޭނެ ޚިދުމަތްތައް ވިސްނައި، އެންމެންގެ ލާބައަށް މަސައްކަތްކުރުމަށް އަޒުމު އައުކުރުމުގެ ވަގުތުކަމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
ކޮމެންޓު ފޮނުވާ