މާލޭގެ އަގުބޮޑު ބިންތައް ކުއްޔަށް ދީފައިވާ ގޮތާ ގުޅޭ މައްސަލަ ބެލުމަށް މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ޖަލްސާގެ ކޯރަމް ގެއްލިގެން މި މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. މި މައްސަލަ ނުބެލި ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
ޖުމްލަ ދިހަ މެންބަރުންނާ އެކު ފެށި މިއަދުގެ ޖަލްސާގައި ދަފްތަރުގައި ހިމަނާފައި ނުވާ އެއްބަސްވުންތަކާ މެދު މަޝްވަރާކުރުމަށް ދިއުމާ އެކު ޕީއެންސީގެ ދެ ކައުންސިލަރުން ޖަލްސާ ދޫކުރައްވާލެއްވިއެވެ. މެޔަރު އާދަމް އާޒިމް ދެ ފަހަރެއްގެ މަތިން ޖަލްސާ މެދުކަނޑާލައިގެން ކޯރަމް ހަމަކުރެއްވޭތޯ ބައްލަވާފައިވާ ނަމަވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމަވާލެއްވިއެވެ.
މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވާ ދަފްތަރު މިދިޔަ ނޮވެންބަރު މަހު ސިޓީ ކައުންސިލުން ހާމަކުރުމާ ގުޅިގެން އެ ބިންތައް ނަހަމަ ގޮތުގައި ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވެއެވެ. ގަލޮޅުގެ ދެ ކައުންސިލަރުން ވަނީ ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅުއްވާފައެވެ. 18 ކައުންސިލަރުންގެ ތެރެއިން 14 ކައުންސިލަރުން ނިސްބަތްވަނީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު، ކޯރަމް ހަމަނުވުމުގެ ސަބަބުން މުހިންމު މައްސަލަތައް ބެލުން ލަސްވަމުން އެބަދެއެވެ.
ކޮމެންޓު ފޮނުވާ