ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހަވަނަ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ، މިރޭ ވަނީ ފުރަތަމަ ނަމާދު ކޮށްފަ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހަވަނަ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ، މިރޭ ވަނީ ފުރަތަމަ ނަމާދު ކޮށްފަ

Author
ޙަސަން މުޙައްމަދު
22 ޑިސެމްބަރ 2025 11:33
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި 'މަސްޖިދުލްއީމާން’ގެ ނަމުގައި އަޅާފައިވާ އައު މިސްކިތް އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. މި މިސްކިތަކީ އެ ސަރަހައްދުގެ ހަވަނަ މިސްކިތެވެ.

ތިން ފަންގިފިލާ ހިމެނޭ މި މިސްކިތުގައި 1،200 މީހުން ނަމާދު ކުރެވޭނެ ފަދަ ޖާގަ ހުރެއެވެ. އަމިއްލަ ފަރާތަކުން ބިނާކުރި މި މިސްކިތުގައި މިއަދު މަޣުރިބް ނަމާދު ވަގުތީ ގޮތުން ކުރިއަށް ގެންގޮސްފައިވާއިރު، މިސްކިތް ބިނާކުރި އާއިލާއާއި އެޗްޑީސީގެ ކުރީގެ ބައެއް ވެރިން އެކަމުގައި ބައިވެރިވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2021ގެ ފަހުކޮޅުން މީހުން ދިރިއުޅެން ފެށުމާއެކު މިސްކިތްތައް ބޭނުންވާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އެ ސަރަހައްދުގައި ފުރަތަމަ މިސްކިތް ހުޅުވީ އޮކްޓޫބަރު 2021ގައި 480 މީހުންގެ ޖާގައިގެ މިސްކިތަކަށެވެ. އެއަށްފަހު، އަމިއްލަ ފަރާތްތަކާ ހަވާލުކޮށް އިތުރު މިސްކިތްތަކެއް ވެސް އެ ސަރަހައްދުގައި ހުޅުވައިފައިވެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އައު މިސްކިތުގެ މައުލޫމާތު ހިއްސާކުރައްވައި، އަންނަ ހުކުރު ދުވަހު މިސްކިތް ރަސްމީކޮށް ހުޅުވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރަމުންދާ 15 މިސްކިތެއްގެ މަޝްރޫއު އަންނަ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.